ޚަބަރު

ސަރުކާރުގެ އެކަކުވެސް އިސްތިއުފާ ދޭނެ ކަމެއް ނެތް، ހިތްވަރާއެކު ކުރިޔަށްދޭ!: ރީކޯ މޫސަ

އައިދާ އަބްދުލް ހަކީމް

ސަރުކާރުގެ އެކަކުވެސް އިސްތިއުފާ ދޭނެ ކަމެއް ނެތް ކަމަށާއި ގަައުމާއި ރައްޔިތުން ސަލާމަތް ކޮށް މިހާލަތުން އަރައިގަނެވޭތޯ ހިތްވަރާއިއެކު މަސައްކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) އެދިވަޑައިގެންފި އެވެ.

މޫސަ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށްވުރެ މާ ކުރިއަރާފައި ހުރި ގައުމުތައްވެސް އޮތީ ވަރަށް ހާސްކަމުގައި ކަމަށެވެ.

މޫސަ ވިދާޅުވީ ޗައިނާ އިން ފެނުނު ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރުމުންވެސް ޗައިނާގެ ރައީސްގެ އިސްތިއުފާއަށް އެގައުމުގެ ރައްޔިތުން ނުގޮވާ ކަމަށެވެ.

މީގެ ކުރިން މޫސަ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބޮޑު ހަރަދުކޮށްގެން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމުގެ ބަދަލުގައި މިވަގުތަށް މުހިންމީ ބޭހާއި ކާޑުގެ ބާވަތްތަކުގެ އިތުރުން ތެޔޮ ރާއްޖެއަށް ގެނެސް ޖަމާކުރުން ކަމަށެވެ.

ރާއްޖޭން މިބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ ހަޔަކަށް އަރައިފަ އެވެ.