ޝެއިޚް އަލީ ޒައިދު

ޤިސާސްގެ ހުކުމް ބަލައިނުގަނެވޭނެ ކަމަށް ބުނި ކޮންމެ މީހަކު މުރުތައްދުވާނެ: ޝެއިޚް ޒައިދު

2

ޤިސާސްގެ ހުކުމް އެއީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ބުނި ކޮންމެ މީހަކު މުރުތައްދު ވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގަ އެވެ.

ޝެއިޚް ޒައިދު މިހެން ވިދާޅުވި އިރު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

އަލީ ޒައިދުގެ ޓުވީޓުގައި ވިދާޅުވީ، އެހެން ނަމަވެސް ރާއްޖޭގެ ހާލަތާ ގުޅިގެން އަދުލުވެރި ހުކުމެއް އަތުވެދާނެ ކަމަށް ޝައްކުވާތީ މިހާލަތުގައި އިހަށް މަރުގެ ހުކުމް ތަންފީޒު ކުރަން ނުފެންނަ ކަމަށް ބުންޏަކަސް އެމީހަކު ކާފަރު ނުވާނެ ކަމަށެވެ.

އޭނާ މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ މަރުގެ އަދަބު ނުދޭވޭނެ ކަމަށް ސަރުކާރަކަށް ނުބުނެވޭނެ ކަމަށާއި އެ ހައިސިއްޔަތު ސަރުކާރަކަށް ނެތް ކަމަށެވެ.

"މާތްﷲ ވަނީ ޤުރުއާން ގައި ޤިސާސްގެ ހުކުމް ބާވާލައްވައިފައި. އެއަށް އިންކާރެއް ނުކުރެވޭނެ." ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ނަމަވެސް ސަރުކާރަށް ޝަރުއީ ދާއިރާ އިސްލާހު ކުރެވިދާނެ ކަމަށާއި އިސްލާހުކޮށްފައި ވެސް ޤުރުއާނަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟