ޚަބަރު

ތަކެތީގެ އަގު ކޮންޓްރޯލް ކުރަން ޖެހިއްޖެއްޔާ އެކަން ކުރާނަން: ފައްޔާޒު

އިބްރާހިމް ޒަކީ

ކޮވިޑް19އާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން، ފިހާރަ ތަކުގައި އަގު ބޮޑުކޮށް ވިއްކާ ތަކެތީގެ އަގު ކޮންޓްރޯލު ކުރަން ޖެހިއްޖެނަމަ އަގު ކޮންޓްރޯލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކޮވިޑް19އާ ގުޅިގެން ބައެއް ރައްޔިތުން މުދާ ގަނެ ރައްކާ ކުރަމުންދާ މައްސަލައިގައި ކަން ހިނގަމުންދާ ގޮތް އޮޅުންފިލުވައި ދެއްވުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ، އަގު ބޮޑުކޮށް ތަކެތި ވިއްކާތޯ މޮނިޓާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ސަރުކާރުން އާބްމުކޮށް އަގު ކޮންޓްރޯލް ކޮށްފައިވަނީ، ކާޑުގެ ބާވަތްތައް ކަމަށާއި އަގު ކޮންޓްރޯލްކޮށްފައި ހުރި މުދާ ނޫން އެހެން ތަކެއްޗަކީ ވިޔަފާރިވެރިންނަށް ބޭނުން އަގެއްގައި ވިއްކިދާނެ އެއްޗެހި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު އިތުރަށް ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި އެފަދަ ތަކެތި އަަގުބޮޑުކޮށް ވިއްކަނީ ވަރަށް މަދު ފަރާތްތަކަކުން ކަމަށާއި އެކަން އެގޮތަށް ކުރަނީ ގިނަ ބަޔަކު ގިނަ އަދަދަކަށް އެތަކެތި ގަންނަން އުޅެން ފެށުމުން ޑިމާންޑު ބޮޑުވެގެން ކަމަށެވެ. އަދި ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ ކާޑުގެ ބާވަތްތައް ފިޔަވައި ދެން ހުންނަ ތަކެއްޗަކީ މާކެޓް މެކޭނިޒަމަށް ދޫކޮށްލައިގެން އަގު ސެޓްވާ ތަކެތި ކަމަށް ވިދާޅުވިއެވެ.

ކޮންމެހެން ކުރަން ޖެހިގެން ނޫނީ މާކެޓަށް ސަރުކާރުން ނުވަންނާނެ ކަމަށާއި އެއީ ގަބޫލު ކުރައްވާ ކަމެއް ވެސް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، އެއްޗެހީގެ އަގު ކޮންޓްރޯލް ކުރަން ފެނިއްޖެނަމަ އެ އެއްޗެހީގެ އަގު ކޮންޓްރޯލް ކުރާނެ ކަމަށާއި އަދި ވިއްކުން ވެސް ކޮންޓްރޯލް ކުރާނެ ކަމަށެވެ. އަދި ސަރުކާރަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އެ މުދަލެއް ނަގަން ޖެހިއްޖެއްޔާ ނަގައި ސަރުކާރުން ބަހަން ޖެހިއްޖެއްޔާ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެހިސާބަށް އަދި ކަންތައް ނުދާ ކަމަށާއި ކާޑާއި މުދާ ރައްޔިތުންނަށް ވާވަރަށް އެބަހުރި ކަމަށެވެ. އަދި އަންނަން ހުރި ތަކެތި އައުމުގެ މަގުމަތީގައި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ނިއުސް ކޮންފަރެސްގައި އިކޮނޮމިކް މިނިސްޓަރާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އިތުރުން ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުންފުނިތަކުގެ ވެރިން ވެސް ވަނީ ރައްޔިތުންނަށް ބޭނުންވާ ތަކެއްޗައް ދަތިނުވާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ. އަދި މުދާ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާނުވާ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.