ކޮވިޑް-19އާ ގުޅިގެން ޅ. ހިންނަވަރުގައި އެކަކު އަދި ށ. ފޯކައިދޫގައި ނުވަ މީހަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާވައިރަހާ ގުޅިގެން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ފޯކައިދޫގައި ނުވަ މީހަކު ހޯމް އައިސޮލޭޝަންގައި އެބަ ތިބި ކަމަށާއި އަދި އޭގެތެރެއިން އެކަކު ފަރުކޮޅުފުއްޓަށް މިހާރު ގެންދެވިފައިވާ ކަމަށެވެ. އަދި ޅ. ހިންނަވަރުގައި ސެލްފު އައިސޮލޭޝަންގައި މީހަކު ހުރިއިރު، އޭނާގެ ޓެސްޓުތައް މިއަދު ނަގާނެ ކަމަށް އޭނާ ވިދާޅިވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން 63 ސާމްޕަލެއް ރާއްޖޭގައި ވަނީ ނެގިފައެވެ. އޭގެ ތެރެއިން 43 ސާމްޕަލް ނެގެޓިވެވެ.
"އޭގެ ތެރޭގައި އިންޑިއާއަށް ފޮނުވައިގެން ޓެސްޓް ހެދި ސާމްޕަލްތަކާއި ރާއްޖޭގައި ހެދި ޓެސްޓްތައް ހިމެނޭ. އެކަކުގެ ނަގާނީ އެއް ސާމްޕަލެއް ނޫން. އެކަކުގެ ދެ ސާމްޕަލެއް ވެސް
ނަގާފާނެ،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ވ. ތިނަދޫއިން ކޮވިޑް 19އަށް ޝައްކުވާ މީހާގެ ޓެސްޓުތައް ނެގެޓިވްވެފައިވާއިރު އެރަށް މިހާރު އާއްމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްފެފައި ވަނީ ހަތަރު މީހެކެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފަކާއި ބަތަލާ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިންނެވެ. އެ ހަތަރު މީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައެވެ.