ދޫނިދޫ ކައިރީގައި އޮތް އޭޑީކޭ ކޮންޕެނީގެ "ރާދަފަތި" ޓަގުގައި ރޯވެއްޖެއެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 16:55 ހާއިރެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔާއެންޑް ރެސްކިއު ޓީމުގެ މަސައްކަތުން ރޯވި އަލިފާންގަނޑު 18:02 ގައި ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
އަލިފާނުގެ ހާދިސާ ހިނގި ވަގުތު ޓަގުގައި ފަސް ދިވެހިންނާއި ބިދޭސީއަކު ތިއްބެވެ. އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފްއިން ބުނީ އިތުރަށް އަލިފާން ރޯވެދާނެތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އަދިވެސް ފެނާއި ފޯމް ބޭނުންކުރަމުންދާ ކަމަށާއި އަލިފާނުގެ ސަބަބުން އަދިވެސް ހޫނުގެ އަސަރު އެބަހުރި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ އިންޖީނުގެ ދުންހޮޅީގައި ކަމަށާއި އެ ޓަގްބޯޓުގައި ރޯވި އިރު ބޯޓުގައި 15000 ލީޓަރު ޑީސަލް ހުރި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމް ދަނީ އަލިފާން ރޯވި ޓަގުކައިރީގައި ހަރަކާތްތެރިވަމުންނެވެ.