ޚަބަރު

ކުރެއްދޫން ފުރައިގެން ދިޔަ އިޓަލީ މީހާއާއި މާގިރި ހޮޓަލުން ބައްދަލުވި 15 މުވައްޒަފަކު އެކަހެރިކޮށްފި

އަލީ ޔާމިން

ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް19 ޖެހިފައި ހުރިކަން އެނގުނު އިޓަލީ މީހާއާ މާގިރި ހޮޓަލުން ބައްދަލުވި 15 މުވައްޒަފަކު އެކަހެރިކޮށްފިއެވެ.

ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާވައިރަހުގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވި އިޓަލީ މީހާ ރާއްޖެއިން ފުރުމުގެ ކުރިން މާގިރި ހޮޓަލުގައި މިމަހުގެ އެއްވަނަ ދުވަހާއި ދެ ވަނަ ދުވަހު މަޑުކުރި ކަމަށެވެ. އޭނާ މާގިރި ހޮޓަލުގައި މަޑުކުރީ ފުރަން ދިއުމުން، ނުފުރިގެންނެވެ.

މަބުރޫކު ވިދާޅުވީ، މާގިރި ހޮޓަލުން އެމީހާއާ ކޮންޓެކްޓުވި އެ ހޮޓަލުގެ 15 މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށާއި ނަމަވެސް އޭގެން އެއްވެސް މީހެއްގެ ފަރާތުން މިހާތަނަށް ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

އެ 15 މުވައްޒަފުންގެ އިތުރުން، އެ ފަތުރުވެރިޔާ މާލެ އައިސް ޓިކެޓް ނެގުމަށްޓަކައި ޔުނިވާސަލްގެ ޓިކެޓް އޮފީހަށް ގޮސް ބައްދަލުކުރި ޔުނިވާސަލް މުވައްޒަފެއްގެ ގައިން ކޮވިޑް-19ގެ އަލާމާތްތަކެއް ފެނިގެން އެމީހާ ކަރަންޓީން ކުރުމަށް ފަރުކޮޅުފުށްޓަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ދިވެއްސެއް ކަމަށާއި އޭނާ ވެސް ކަރަންޓީން ކުރާނީ ފަރުކޮޅުފުށީގައި ކަމަށް މަބުރޫކު ވިދާޅުވިއެވެ.