ޖުމައިރާ ވިޓަވެލި ރިސޯޓް ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް ފެނިގެން އެކަން ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވަނީ ކ. މާފުށި ޕޮލިސްޓޭޝަނުން ކަމަށެވެ. އެމްއެންޑީއެފުން ބުނީ ކިނބޫ ފެނިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:32 ހާއިރުކަމަށެވެ. އަދި މިކިނބޫ ފެނިފައިވަނީ އެރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުއައްޒަފަކަށް ކަމަށެވެ.
ކިނބޫ ފެނިގެން އެމީހާ ކިނބުލާ 15 ވަރަކަށް ފޫޓު ކައިރިވިތަނާ ކިނބޫ މޫދަށް ފައިބައިގެން ދިޔަކަމަށް މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ޖުމައިރާ ވިޓަވެލި ރިސޯޓުން ކިނބުލެއް ފެނިގެން މިއަދު ރިޕޯޓް ކޮށްފައިވާއިރު މިދިޔަ މަހު ހދ. ވައިކަރަދޫއަށް ވެސް ވަނީ މަރުވެފައި އޮތް ކިނބުލެއް ލައްގައިފައެވެ.
މީގެ ކުރިން ވެސް ރާއްޖެއިން އެކި ފަހަރު މަތިން ކިނބޫ ފެނިފައިވެ އެވެ.