އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް "ދޯސްތީ 14" ގެ ހަރަކާތްތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ބައްލަވާލައްވައިފިއެވެ.
މިއަދު ކުރިޔަށްގެންދިޔަ "ދޯސްތީ 14" ކަނޑުމަތީގެ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރުއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފައިވަނީ އިންޑިއާގެ ކޯސްޓްގާޑް ހެލިކޮޕްޓަރެއްގައެވެ.
އެކްސަސައިޒް ދޯސްތީ 14ގެ ތެރެއިން ހިންގާ ކަނޑުމަތީގެ ފަރިތަކުރުންތަކުގައި ރެސްކިއު އޮޕަރޭޝަނާއި ކަނޑުމަތިން ހާލުގައި ޖެހޭ މީހުން ސަލާމަތްކޮށް ފުރަތަމަ އެހީ ދޭނެ ގޮތްތަކާއި ހާލުދެރަވެފައިވާ މީހުން އަވަސް ގޮތަކަށް އެންމެކައިރި ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ކަންކަން ކުރާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. އަދި ހެލިކޮޕްޓަރުގެ އެހީގައި ކަނޑުމަތިން މީހުން ސަލާމަތްކުރާނެ ގޮތްތައް ވެސް މިއެކްސަސައިޒްގައި ފަރިތަކޮށްފައިވެއެވެ.
އެކްސަސައިޒް ދޯސްތީ 14ގެ ކަނޑުމަތީގެ ތަމްރީނުތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި އެމްއެންޑިއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރުގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް ރަޖެންދްރަ ސިންހް ވަނީ އިންޑިއަން ކޯސްޓްގާޑްގެ ޝިޕް ސަމަރުއަށް ވަޑައިގަންނަވައިފައެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްސަދުގައި ބާއްވާ އެކްސަސައިޒެކެވެ.