އަލީ ޔާމިން
މިއަހަރުގެ ހޫނު މޫސުމުގައި އެހެން އަހަރު ތަކަށް ވުރެ ރާއްޖެއަށް ހޫނު ގަދަ ވާނެ ކަމަށް މޯލްޑިވްސް މީޓޮއޮރޮލޮޖިކަލް ސާވިސް (މެޓް)އިން ބުނެފިއެވެ.
މެޓުން ބުނީ، ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަކީ މާޗް މަހާއި އޭޕްރީލް މަސް ކަމަށެވެ. މިއަހަރު ފެށުނުއިރުވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ އާއްމުކޮށް ހުންނަވަރަށްވުރެ 0.5 ދަރަޖަ މަތީގައި ކަމަށާއި، އެހެންކަމުން، މިއަހަރު ހޫނު މޫސުމުގެ ދުވަސްތަކުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މި ދުވަސްވަރުގެ އެވަރެޖު ހޫނުމިނަށްވުރެ މަތީގައި ކަމަށް މެޓުން ބުނެއެވެ.
މީގެ އިތުރުން މެޓުން ބުނީ ދުނިޔޭގެ ފިނި ހޫނުމިނަށް ބަލާއިރުވެސް، މިފަހުގެ އަހަރުތަކަކީ، ހޫނުގަދަ އަހަރުތަކެއް ކަމުގައި ރެކޯޑްތަކުން ދައްކާ ކަމަށެވެ. އަދި ދުނިޔެ ހޫނުވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަމަށް މެޓުން ބުނެއެވެ.
މެޓުން ބުނީ ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ މޭމަހުގެ މެދެއްހާތާގައި ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް ކުރަން ފެށުމުން ކަމަށެވެ.
މިއަހަރުގެ ހޫނު މޫސުމުގައި ރާއްޖޭގެ ފިނިހޫނުމިން އެވްރެޖު ހޫނުމިނަށްވުރެ މަތިވާނެ ކަމަށް މެޓުން ބުނެފައިވާއިރު ސްޓެލްކޯއިން ވަނީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވާތީ ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.