އަލީ ޔާމިން
ރަހުނަކާ ނުލައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން "ވޯކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" ލޯނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފު ކޮށްފިއެވެ.
ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މިއީ ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރަތަމަ ފައިނޭންސިން ފެސިލިޓީ ކަމަށެވެ.
"މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމުގެ ދަށުން ތައާރަފު ކުރި ފެސިލިޓީއެއް. މި ފެސިލިޓީއާއެކު ކުދި ވިޔަފާރިތަކަށް ބޭނުންވާ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް މި ވަނީ ގާއިމް ކުރެވިފައި،" ޓިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެދުފަންތީގެ ވިޔަފާރިތަކަށް މި ފެސިލިޓީގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ ކަމަށެވެ.
މީގެ އިތުރުން ކިމް ވިދާޅުވީ ގެދޮރު އިމާރާތްކުރުމަށް ދޫކުރާ ލޯނާއި ފައިނޭންސިންގެ އިކުއިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ އަދަދު 30 އިންސައްތައިން 20 އިންސައްތައަށް މިއަދުން ފެށިގެން ވަނީ ކުޑަކޮށްފައިވާ ކަމަށެވެ.
ވޯކިން ކެޕިޓަލް ފައިނޭންސިން މެދުވެރިކޮށް ދޫކުރާ ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރުގެ ތެރޭގަ އެވެ. މި ފެސިލިޓީގެ ދަށުން ޑިމާންޑް ލޯނާއި އޯވާޑްރާފްޓްސް އާއި ބޭންކް ގެރެންޓީ އާއި ލެޓާ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެ އެވެ.