ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދީފި އެވެ.
ޔޫއޭއީ އިން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި އޮއި ކުރީ މިއަދު އެވެ.
ޔޫ.އޭ.އީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.
އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނައަށް ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެންގެވީ 2019 ނޮވެމްބަރު 10 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަން އިއުލާންކުރައްވާފައެވެ.
"އަދި މިއަދު އިރު އޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ،" ރައީސުލްޖުމްހޫރިއްޔާ އެރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ ޔޫ.އޭ.އީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ފާހަގަކުރެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަގާމާ ހަވާލުވެވަޑައިގެން ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެގައުމަށް ދެވޭ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.