އަލީ ޔާމިން
ކޮވިޑް 19 އާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ އަދި އެކަހެރި ކޮށްފައިވާ ފަރާތްތަކަށް ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ބުނެފިއެވެ.
ކޮވިޑް 19 އާއި ގުޅިގެން ރެޑް ކްރެސެންޓުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ޕްރޮގްރާމު އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ނުވަތަ ސައިކޯ ސޯޝިއަލް ސަޕޯޓް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެކަން ކުރަމުން އަންނަނީ ފޯނު ކޯލު މެދުވެރިކޮށް ކަމަށެވެ.
ދިވެހި ރެޑްކްރެސެންޓުގެ ރައީސް އަލީ ނާޝިދު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން އެ ޖަމިއްޔާ އިން މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދާ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ސަރުކާރަށް ވާގިވެރިވެ، ސަރުކާރާއެކު މަސައްކަތް ކުރާ މިނިވަން ޖަމާއަތެއްގެ ގޮތުގައި ދައުލަތުން އެކުލަވަލާފައިވާ ޓާސްކްފޯހުން ކުރަމުން އަންނަ މަސައްކަތްތަކުގައި އަޅުގަނޑުމެން އަންނަނީ ބައިވެރިވަމުން. މި މަސައްކަތުގައި ފަންނީ އެހީތެރިކަން ދިވެހި ރެޑްކްރެސެންޓުން އަންނަނީ ފޯރުކޮށްދެމުން، ދެވަނަ ކަމަކަށް އާންމުން ހޭލުންތެރިކޮށް، އާންމުންގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން" ނާޝިދު ވިދާޅުވިއެވެ.
ރެޑް ކްރެސެންޓުން ބުނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީއަށް އަމާޒުކޮށްގެންވެސް ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށާއި، އެގޮތުން ބިދޭސީންގެ ބަހަށް މެސެޖުތައް ތަރުޖަމާކޮށްގެން މައުލޫމާތު ދެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް މާލޭގައި 6،000 އަށް ވުރެ ގިނަ ބިދޭސީންނާ ބައްދަލުކޮށް ކޮވިޑް 19 އާ ގުޅޭ މައުލޫމަތު ފޯރުކޮށްދީފައިވާ ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.