ޚަބަރު

މިއަހަރުގެ ފުރަތަމަ ސުޕަރ މޫން މިރޭ

މުހައްމަދު އައުޒަމް

މިއަހަރުގެ އެންމެ ފުރަތަމަ ސުޕަމޫން އަދި އެންމެ ބޮޑުކޮށް ހަނދު ފެންނާނީ މިރެއެވެ.

މިރޭގެ ސުޕަމޫން ސާފުކޮށް ރާއްޖެއަށް ފެންނާނެއެވެ. ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިރޭގެ ސުޕަމޫންގެ ސަބަބުން އުދަ އެރުން ފަދަ މޫސުމީ ބަދަލެއް އަތުވެދާނެ ކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުން ހަނދު އޭގެ އެންމެ ފުރިހަމަޔަށް ފެންނާނެ ކަމަށް ބެލެވެނީ ރާއްޖޭ ގަޑިން މިރޭ 22:48 ގައެވެ.

ސުޕަމޫން ފެންނަނީ ހަނދު ހިނގާ ރޮނގުން ދުނިޔެއާއި ކައިރިޔަށް ހަނދު އަންނަ ދުވަސްކޮޅާ ދިމާވުމުންނެވެ. ސުޕަމޫނެއްގައި ހަނދު %14 އަށް ބޮޑުވެފައި %30 އަލިގަދަ ވާނެ އެވެ.

މިރޭގެ ސުޕަމޫނަފަހު މިއަހަރުގެ ދެވަނަ ސުޕަމޫން ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ. އެޔަށްފަހު އޮކްޓޫބަރު 16 އަދި ނޮވެމްބަރު 15ގައި ވެސް ސުޕަމޫން ފެންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.