އިބްރާހިމް ޒަކީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަޔަ ނުދޭން، ވަކި ގައުމަކުން މީހުން އައުން ހުއްޓުވަން ފިޔަވަޅު އަޅަންޏާ، ހުރިހާ ގައުމަކާމެދުވެސް އެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމާ ގުޅިގެން އެކަމުން ރައްކާތެރި ވުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ތެރެއިން، ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރުމާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ފުނޑުފުނޑުވެގެން ހިނގައިދާނެ ކަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރަގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެއަށް ކޮވިޑް 19 އައިސް ފައިވާއިރު މިހާރު އެންމެ ބޮޑަށް އެބަލި ފެތުރެމުންދާ އިޓަލީން ރާއްޖެއަށް މީހުން އައުން ވަގުތީ ގޮތުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ ކުރިން ޗައިނާއިން ރާއްޖެއަށް މީހުން އައުންވެސް ވަނީ މަނާ ކޮށްފައެެ. މި ދެ ގައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ދެ މަންޒިލެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، އިޓާލީން ރާއްޖެއަށް ބޯޓުފަހަރު އައުން ހުއްޓުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އަދި އިޓަލީން ރާއްޖެއަށް ބޯޓުފަހަރު ނައި ނަމަވެސް އިޓަލީން އިނގިރޭސި ވިލާތަށާއި، ޖަރުމަނާއި، ޔޫރަޕްގެ އެހެން ގައުމުތަކަށް އެގައުމުގެ ބޯޓުތައް ދަތުރުކުރާ ކަމަށާއި، ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ބޯޓު ފަހަރު އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެ ބައްޔާ ގުޅިގެން ރާއްޖެއަށް ބޯޓެއް އައުން ހުއްޓާލަންޏާ ހުރިހާ ކަމެއް ހުއްޓާލަން ޖެހޭ ކަމަށެވެ.
އަދި ރަމްޒީ ގޮތުން ނޫން ގޮތަށް، ކޮރޯނާ ވައިރަސް އަޔަ ނުދިނުމަށް ބޯޓު ފަހަރު ރާއްޖެ އައުން ހުއްޓާލާނަމަ، ހުރިހާ ކަމެއް ހުއްޓާލާ މިންވަރަށް ދާން ޖެހޭ ކަމަަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި ހަމަ އެގޮތަށް ހުރިހާ ގައުމަކުން ބޯޓުފަހަރު އައުން ހުއްޓާލަން ޖެހޭ ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"މީގަ ފާހަގަވަނީ އިޓަލީން ބޯޓު ދޭ އިނގިރޭސި ވިލާތަށް، ޖަރުމަނަށް، ޔޫރަޕްގެ އެހެން ގައުމުތަކަށް، އަދި ޔޫރަޕްގެ އެގައުމުތަކުން ރާއްޖެއަށް ބޯޓު އާދޭ، ހުއްޓާލަންޏާ އެބަ ސާފުވާން ޖެހޭ ހުއަޓާލަން މިޖެހެނީ މުޅި ހުރިހާ ކަމެއްކަން، އަޅުގަނޑުމެން ހުއްޓާލާންޏާ ހުއްޓާލަން މިޖެހެނީ، ހުރިހާ ގައުމަކުން އައުންކަން، ރަމްޒީގޮތުން ހުއްޓާލާ ހުއްޓާލުމެއް ނޫން ގޮތުގައި. ވައިރަސް އަޔަ ނުދިނުމަށް ހުއްޓާލާ ކަމަށް ވަނީވިއްޔާ އެބަ ހުރިހާ ކަމަކުން ހުއްޓާލުމުގެ މިންވަރަށް އެބަ ދާންޖެހޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.