ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތަލީ ބަހުން ވާހަކަ ދައްކަވައިފިއެވެ.
ޖާބިރު އިޓަލީ ބަހުން ވާހަކަ ދެއްކެވީ، އިބްރާހިމް ނާސިރު އިންތަނޭޝަނަލް އެއާޕޯޓްގައި ކޮރޯނާއަށް ސްކްރީން ކުރެވެން ނެތް މައްސަލަ އާއި، އެ ބަލީގެ ސަބަބުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ މައްސަލައާ ގުޅިގެން ހުށަހެޅުއްވި ކުއްލި މައްސަލައަށެވެ.
އެ މައްސަލައަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ބައެއް ގައުމުތަކުން ރައްޖެއަށް މީހުން އައުން ކުއްލިއަކަށް ހުއްޓާލުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ގެއްލުންތަނެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖެއަށް މީހުން އައުމަށް، މިހާރު ބަނދު ކުރެވިފަިއވާ ދޮރާށިތައް ހުޅުވާލަ ދިނުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފގައެވެ.
ދައްކަވަނުން ގެންދެވި ވާހަކައިގެ ވަކި ހިސާބަކުން، ޖާބިރު ވިދާޅުވީ މިއީ ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި އޭނާއަކީ އިޓަލީ ބަހުން ވާހަކަ ދައްކާ މީހެއް ކަމަށާއި، ނަމަވެސް މިއަދަކީ، އިޓަލީ ބަހުން ވާހަކަ ދައްކާކަހަލަ ދުވަހެއްނޫން ކަމަށް ވިދާޅުވިއެވެ.
ޖާބިރު އެހެން ވިދާޅުވުމުން ޖައްސާގެ ރިޔާސަތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ވަހަކަ ނުދެއްކޭ ވަކި ބަހެއް ނޯންނަ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވެސް އެގޮތަށް ކަނޑައަޅާފައި ނޯންނަ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް އެހެން ވިދާޅުވުމުން ޖާބިރު ވާހަކަ ފެއްޓެވީ އިޓަލީ ބަހުންނެވެ.
ޖާބިރުގެ ވާހަކަ ނިންމަވައި ލެއްވުމުން، އެ ދެއްކެވި ވާހަކަ އެނގިވަޑައިނުގަންނަވައިގެން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް ނިޒާމީ މައްސަލަ ނެންގެވިއެވެ.
ނިޒާމީ މައްސަލަ ނަންގަވައި ސަނީފް ވިދާޅުވީ، އިޓަލީ ބަހުން ދެއްކެވި ވާހަކާގައި ޖާބިރު ވިދާޅުވި އެއްޗެއް އޭނާއަށާއި މަޖިލީހުގެ އެހެން މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސަށްވެސް އެނގި ވަޑައިގަންނަވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން ކޮންމެ ފަދަ ވާހަކައެއްވެސް ޖާބިރު ދައްކަފާނެ ކަމަށް ވިދާޅުވެ ޖާބިރުގެ ވާހަކަ ތަރުޖަމާ ކޮށްދެއްވުމަށް ސަނީފް އެދިވަޑައިގެންނެވިއެވެ.
ސަނީފްނެ ނިޒާމީ މައްސަލައާ ގުޅިގެން މަޖިިލިސް ރައީސް ވިދާޅުވީ، ބައެއް ފަހަރު ގިނަ އަރަބި ބަސްތައް ބޭނުންކޮށްގެންވެސް ބައެއް މެންބަރުން ވާހަކަ ދައްކަވާ ކަމަށެވެ.
އަދި ދިވެހި ބަހުން ގިނައިިން މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް ބައެއް ބޭފުޅުން އިނގިރޭސި ބަސްތައް ވަރަށްގިނައިން ބޭނުން ކުރައްވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އަދި ވިދާޅުވީ "ތެދުފުޅެއް އަޅުގަނޑު ބަލަން އަކުރު ފިލާތޯ، އޮޅުން ފިލާތޯ، ދެން ގިނަ ބަސްބަހަކީ އަޅުގަނޑަށްްވެސް އޭގެ މައިގަނޑު އަސާސްތައް ބަލައި ނުގަނެ، ދެނެ ނުގަނެ، ވާވަރު ކަންކަމަށް ނުވާތީވެ އަޅުގަނޑު ވަރިހަމަ ކޮށްލައިގެން އިންނަނީ މުޅިން ގޯސްވާން ފެށީމަ އަޅުގަނޑަށް ވެސް އެނގިދާނެ ކަމަށް އަޅުގަނޑު ނިންމައިގެން،" ކަމަށެވެ.
ޖާބިރު އިޓަލީ ބަހުން ވާހަކަ ދައްކަވައި ނިންމެވުމުން މަޖިލިސް ރައީސް ވިދާޅުވީ، ޖާބިރުގެ ވާހަކަ މަޖިލީހުގެ ޔައުމިއްޔާގައި ލިއުއްވާނީ ލެޓިނުންތޯ ނުވަތަ ދިވެހި ބަހުންތޯ، މަޖިލީހުގެ އަމީން އާއްމު އެއްސެވި ކަމަށެވެ.