އިބްރާހިމް ޒަކީ
ރާއްޖެ އަންނަ ފަތުރުވެރިން ކޮރޯނާއަށް ސްކްރީން ކުރެވޭނެ ނިޒާމެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްފައި ނެތް ކަމަށް ބުނެ، އެކަން ބަލައި މަސްއޫލިއްޔަތު ނަގަން ޖެހޭ ފަރާތްތަަކަށް ފިޔަވަޅު އަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖެއާ ހަމައަށް ކޮރޯނާ ވައިރަސް ފޯރައި، ރާއްޖެ ޔެލޯ އެލާޓަށް ނެރެންޖެހޭ ހިސާބަށް ގޮސް ރައްޔިތުން، ބިރުވެރިކަމެއްގެ ތެެރެއަށް ކުއްލިއަކަށް ގޮސްފައި މިވަނީ ރާއްޖެ އަންނަ ފަތުރުވެރިން، ރާއްޖޭގެ މައި ދޮރާށިން އެތެރެ ވާހިދުގައްޔާއި، ރާއްޖޭން ފުރައިގެންދާހިނދު ރަނގަަޅަށް ސްކްރީން ނުކުރެވުމުގެ ސަބަބުން ކަމަށެވެ.
ޖާބިރު މިހެން ވިދާޅުވިއިރުވެސް ރާއްޖޭގެ އެއާޕޯޓްގައި ސްކްރީން ކުރެވޭ ނިޒާމު ވަނީ ކަނޑައަޅައިފައެވެ
ނަމަވެސް ޖާބިރު ވިދާޅުވީ، ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ ސިއްހީ ދާއިރާގެ ހިދުމަތްދޭ ފަރާތްތަކުން އިހްމާލު ވެފައިވާ މައްސަލަ ބަލައި މިހިނދުން މިހިނދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ނަމަވެސް މި މައްސަލައަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ، ކޮރޯނާ ވައި ރަހަކީ ޓެސްޓްތަކަށް ނުދައްކައި އެތައް ދުވަހެއް ވަންދެން އެމީހާގެ ހަށިގަނޑުގެ ތެރޭގައި ހުންނައެއްޗެއް ކަމަށާއި، ރާއްގެއައި އިޓަލީ މީހާގެ މައްސަލައިގަވެސް ދިމާވެފައިވަނީ އެފަދަ ގޮތަކަށް ކަމަށެވެ.
ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ކޮރޯނާވައިރަހާ ގުޅިގެން ސަލާމަތީ ގޮތުން ސަރުކާރުން އެޅުއްވި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެންދާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
އަދި ދިވެހި އެންމެހާ ރައްޔިތުންގެ ހިތްތަކުގައި އިންތިހާއަށް ބިރުވެރިކަން އުފެދި ރައްޔިތުން ނިކަމެތި ހާލުގައި އުޅެން ޖެހިފައިވާތީ، މި މައްސަލާގައި ފުޅާ ދާއިރާއެއްގައި މެންބަރުން ބަހުސް ކުރައްވައި ދިވެހި ވިޔަފާރިވެރިންނާއި، ދިވެހި އެންމެހާ ރައްޔިތުންނަށް ކުރިމަތި ވެފައިވާ މި ހިތްދަތި މައްސަލަ އަވަހަށް ހައްލު ކުރުމަށް އަަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަގުތުން ވަގުތައް ރާއްޖޭގެ ޑިފެންސް ފޯސްއާ ހަވާލު ކުރުމަށް ބާރު އެޅުމަަށް ވެސް މި ކުއްލި މައްސަލައިގައި ޖާބިރު އެދިވަޑައިގެންފައިވެއެވެ.