ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަނަވެލްތު ދުވަހުގެ ތަނުހިޔާ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް ރައީސް ސޯލިހު ފޮނުއްވައިފި

އަލީ ޔާމިން

ކޮމަންވެތްލް ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ކޮމަންވެލްތުގެ މެންބަރު 54 ގައުމުގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުމުން ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި، ދުނިޔޭގެ ކަންކަން އިސްލާހުކުރުމަށް ކޮމަންވެލްތުން ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދިނުން މަތީ، ރާއްޖެ ދެމި އޮންނާނެ ކަމަށެވެ.

ކޮމަންވެލްތު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މާޗު މަހުގެ ނުވަ ވަނަ ދުވަހެވެ.

ރާއްޖެ ކޮމަންވެލްތާ ގުޅުނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމަނިކުފާނުގެ އިސްނެންގެވުމަކަށް ނުވައެއް ޖުލައި 1982ގައެވެ. ނަމަވެސް ހަމަޔާއި އިންސާފުން ބޭރުން ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގުރޫޕުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތުތަކަށް ބާރު ފޯރުވަމުންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އޮކްޓޯބަރު، 13، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމިއެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ބައިވެރިވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކެބިނެޓުން ނިންމައި، މަޖިލީހުގެ ރުހުން ލިބިގެން ރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިވާން ހުށަހެޅީ 7 ޑިސެމްބަރު 2018ގައެވެ. އަދި އޭގެ އެއް އަހަރާއި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ރާއްޖެއަށް އަލުން ރަސްމީކޮށް ކޮމަންވެލްތު މެންބަރުކަން ދިންކަން އެޖަމާއަތުން މިދިޔަ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހު އެންގިއެވެ.

އެކަން އާންމުކޮށް އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓެލެންޓް ހުރިހާ މެންބަރު ގައުމުތަކާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ ގައުމުތަކަކުން ވެސް އެކަމަށް ރުހުން ދިނުމުން ކަމަށެވެ.

ކޮމަންވެލްތްގެ މެންބަރަކަށް ރާއްޖެވުމުން އަންނަ ޖޫން މަހުގެ 22- 28 އަށް ރުވާންޑާގެ ކިގާލީގައި އޮންނަ، ކޮމަންވެލްތުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެއެވެ.