ލާމަރުކަޒީ ސަރުކާރެއް ބާރުވެރިކުރުވައި މިނިވަން މުސްތަގިއްލު މުއައްސަސާތަކެއް އުފެއްދާފައިވާއިރު އެމުއައްސަސާ އިން ނިންމާ ނިންމުން ނިންމަން ޖެހޭނީ ސިޔާސީ ޕާޓީ އަކުން ނޫންކަމަށް އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ވިދާޅުވީ އިލެކްޝަން ކޮމިޝަން ކިޔާ މިނިވަން ކޮމިޝަނެއް އޮންނާނެ ކަމަށާއި އެކޮމިޝަނުން ބަލަންވީ މިއަދު ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް އެބަ އޮތްތޯ ކަމަށެވެ. އަލްހާން ވިދާޅުވީ ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް އެބަ އޮތްތޯ ބެލުމަކީ އިލެކްޝަން ކޮމިޝަނުގެ ކަމެއް ކަމަށާއި އެކަން ކުރަން ޖެހޭނީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ނޫން ކަމަށެވެ. އަދި ވޯޓުފޮށި ބަހައްޓަން ޖެހޭ ތަންތާގައި ވޯޓުފޮށި ބަހައްޓައިގެން އިތުރަށް މި ހާލަތު ގޯސްވެދާނެތޯ ވެސް ބަލަން ޖެހޭ ބަޔަކީ ވެސް އިލެކްޝަންސް ކޮމިޝަން ކަމަށެވެ.
"މަރުކަޒީސަރުކާރެއް އޮވެފަ، ލާމަރުކަޒީ ސަރުކާރެއް ބާރުވެރިކުރުވާފަ، މިނިވަން މުސްތަގިއްލު މުއައްސަސާތަކެއް އުފެއްދީމަ، އަނެއްކާ މިނިވަން މުއައްސަސާއިން ނިންމާ ނިންމުންވެސް ނިންމަން މިޖެހެނީ ސިޔާސީ ޕާޓީއަކުން އެހެން ކަމަކު ނުދާނެ. އިލެކްޝަން ކޮމިޝަން ކިޔާ ކޮމިޝަނެއް އޮންނާނެ، ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އެކަށީގެންވާ މާހައުލެއް އެބަ އޮތްތޯ ބެލުމަކީ އިލެކްޝަން ކޮމިޝަނުގެ ކަމެއް. އެހެންވީމަ ސިޔާސީ ޕާޓީތަކުން ކޮންމެހެން އެދޭކަށް ނުޖެހޭ. އެއީ ވަކި ޕާޓީއަކުން އެދުނީތީ ވަކި ޕާޓީއެއްގެ ވިސްނުމަށް ބުރަވެގެން ނިންމަން ޖެހޭ ނިންމުމަކަށް ވެގެން ނުވާނެ. އެހެންވީމަ އިލެކްޝަން ކޮމިޝަނުން ބަލަންވީ ވޯޓުފޮށި ބަހައްޓަން ޖެހޭ ތަންތާގައި ވޯޓުފޮށި ބަހައްޓައިގެން އިތުރަށް މިހާލަތު ގޯސް ވެދާނެތޯ؟" އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ މިކަހަލަ ހާލަތެއް އުޅޭތީ ކުއްލި ކުއްލިއަށް ރިސޯޓްތަކާއި ރަށްރަށް ޝަޓްޑައުން ވެސް ކުރަން ޖެހޭތީއާއި އެކު އިންތިހާބު ކުރިޔަށް ގެންދެވޭނެ ހާލަތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމަވަންވީ ކަމަށެވެ. އެއީ ސިޔާސީ ޕާޓީއަކުން ބުނެގެން އެންމެ ކުޑަ ޕާޓީން އެދިގެން، ނުވަތަ އެބޭފުޅާއަށް ފެނިގެން ނިންމަވަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެހެންވީމަ އިލެކްޝަން ކޮމިޝަނުން ހަމަ ރީއްޗަށް ނިންމަންވީ މިހާރު މިކަހަލަ ހާލަތެއް އުޅޭތީ ކުއްލި ކުއްލިއަށް ރިސޯޓްތަކާއި ރަށްރަށް ޝަޓްޑައުން ވެސް ކުރަން ޖެހޭތީއާއި އެކު އިންތިހާބު ކުރިއަށް ގެންދެވެން ނެތޭ. އެއީ ސިޔާސީ ޕާޓީއަކުން ބުނެގެން އެންމެ ކުޑަ ޕާޓީން އެދިގެން، އަޅުގަނޑު އެދިގެން، އަޅުގަނޑަށް ފެނިގެން ވާން ޖެހޭ ކަމެއް ނޫން." އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ އެއަށްވުރެ މިނިވަންކަމާއިއެކު އެކަންކަން ނިންމަވަން ޖެހޭނެ ކަމަށާއި އެއްވެސް ބައެއްގެ މަޝްވަރާއަށް އިލެކްޝަން ކޮމިޝަނުން މަޑު ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ މަގާމުތަކުގައި ތިއްބެވީ ތިމަންނާމެންގެ މައްސޫލިއްޔަތު ތިމަންނާމެން އަމިއްލައަށް ނަގާނަމޭ ރައްޔިތުންގެ ގާތުގައި ބުނެގެން އެ ހުވާ ކޮށްގެން ތިބި މީހުން ކަމަށް އަލްހާން ވިދާޅުވިއެވެ.