އަލީ ޔާމިން
ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ކަސްޓަމްސްގެ އަންހެން މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ދާއިރާގައި ދެ ޖިންސުގެ މެދުގައި ޒަމާނުއްސުރެ އޮތް މި ތަފާތު ނައްތާލައި، މިކަން އިފްތިތާހު ކޮށްދެއްވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީއެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ހަފްލާގައި ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައެޅިފައިވާ "ޖީލުގެ ހަމަހަމަކަން އަހަރެން. އަންހެނުންގެ ހައްގުތައް ދެނެގަތުން" މި މައުޟޫއަށް ވާހަކަ ދައްކަމުން މިނިސްޓަރު ވިދާޅުވީ، އަންހެން މުވައްޒަފުންނަށް ތަފާތު ކުރުމެއްނެތި މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތަށް ކަސްޓަމްސްއިން ނިންމި ނިންމުމަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ކަސްޓަމްސްއިން އިސްނަގައިގެން މި ފެށި މަސައްކަތް ނަމޫނާއެއްގެ ގޮތުގައި ބަލައި އެހެން ދާއިރާތަކުން ވެސް މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފު ވިދާޅުވީ، މުދާ ދޫކުރުމުގެ މަސައްކަތުގައި އަންހެން އޮފިސަރުން ރަސްމީކޮށް ހަރަކާތްތެެރިވާން ފެށުމުން ކަސްޓަމްސް ދާއިރާއިން މިހާތަނަށް ނުލިބި ހުރި ގިނަ ފުރުސަތުތަކެއް އެ އޮފިސަރުންނަށް ހުޅުވިގެންދާނެ ކަމަށެވެ.
އެގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ދާއިރާއާ ގުޅުންހުރި ތަމްރީންތަކުގައި ބައިވެރިކުރުމާއި އަދި ކެރިއާ ޕާތުގެ ތެރެއިން މަތީ ހަރުފަތްތައް ގިރާކުރުމަށް ހުރި ފުރުސަތުތައް ފުޅާވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.