ޚަބަރު

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އަޅަން މަޝްވަރާ ކުރަނީ

ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމޭބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފިއެވެ.

މީޑިއާތަކުގެ ބެލެނިވެރި ފަރާތުން އެގޮތަށް ނިންމީ އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

އެކަމާ ގުޅިގެން އެމްއެމްސީގެ ރައީސް ހިދާޔަތުﷲ "ވަން" އަށް ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާބެހޭ ގަވާއިދެއް އޮންނައިރު އެ ގަވައިދުގެ ދަށުން ރަޖިސްޓްރީ ނުކޮށް މީޑިއާތައް ހަދައިގެން ދޮގު މައުލޫމާތު ފެތުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މީޑިއާ ކައުންސިލުގެ ވިސްނުމަކީ މީޑިއާތަކަށް ފިޔަވަޅު އެޅުން ނޫން ކަމަށާއި ބޭނުމަކީ މީޑިއާތަކަށް ލިބިދޭ މިނިވަންކަމާއެކު މީޑިއާތައް ކުރިއަރައިގެން ދިއުން ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފަށް ނޫސް މަޖައްލާ ހަދައިގެން ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އަޅަން މަޝްވަރާ ކުރުމުގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ހަބަރުތައް ފެތުރުމާއި ގުޅޭގޮތުން މީޑިއާތަކުގައި ޝާއިއުކުރާ ހަބަރާއި މައުލޫމާތު ގެނެސްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރަން ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން ކޮވިޑް-19އާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމައި އެ ވައިރަހާ ގުޅިގެން މީޑިއާތައް ވިލަރެސް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލަން ވަނީ ނިންމައިފައެވެ.