ޚަބަރު

ދިރާގު މުވައްޒަފުންނަށް މައިންގެ ކޮޓަރިއެއް ގާއިމުކޮށްފި

މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިރާގުގައި މައިންގެ ކޮޓަރިއެއް ގާއިމުކޮށްފިއެވެ.

ދިރާގުން ބުނީ، ތުއްތު ދަރިއެއް ލިބުމާއެކު ވަޒީފާއަށް އަނބުރާ އަންނަންޖެހޭ މައިންނަކީ ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެއް ކަމަށެވެ. އަދި ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގެ އިތުރުން އާއިލާއެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަން ޖެހި، ހަމަހަމައަށް ދެބައި ބެލެހެއްޓުން ވެގެންދަނީ ގިނަ މައިންނަށް ކުރިމަތިވާ ގޮންޖެހުމަކަށް ކަމަށެވެ.

އެގޮތުން ގިނަ ފަހަރަށް ވަޒީފާގައި ދިގު ގަޑިތަކެއް ހޭދަކުރަން ޖެހުމުން ދެ އަހަރުން ދަށުގެ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭއިރު ލިބޭ ބުރޭކް ގަޑިތަކުގައި ގެއަށް ގޮސް ގާތުންދީ ކަންތައްކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ގާތުން ކިރުދިނުމަށް ބުރޫ އަރައި އަދި ބައެއް ފަހަރު ހުއްޓާލަން ޖެހި، ފޯމިއުލާ އަށް ބަދަލު ކުރަންޖެހޭ ހާލަތު އަންނަ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ ސަބަބުން މައިންގެ ސިއްހަތަށް ވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ދައްކާކަން ފާހަގަކޮށް ދިރާގުން ބުނީ، އެކުންފުނިން މައިންގެ ކޮޓަރިއެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަމްޕުކުރުން ފަދަ ކަންތައް ކުރުމަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މައިންގެ ކޮޓަރިތަށް ކޮންމެ އޮފީހެއްގައި ގާއުމުކުރުން ވަނީ ލާޒިމްކޮށްފައިއެވެ. ސަބަބަކީ ވަޒީފާގެ މާހައުލުގައި ގިނަ ވަގުތު ހޭދަކުރުން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާހައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު މަގުފަހިކޮށް، އަންހެނުން ބާރުވެރިކުރުމަށެވެ.

ދިރާގުން ބުނީ، މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ދިރާގުގައި 600 އަށްވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން ދާއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ހިއްސާ ނުހަނު ބޮޑު ކަމަށް ދިރާގުން ބުނެއެވެ.

އެހެންކަމުން، އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާހައުލުގައި ހަމަހަމަ އުސޫލުތަކަށް އަމަލުކުރުމަކީ ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ގޮތެއް ކަމަށާއި ދިރާގުގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަށް ވަޒީފާގައި އަދި ދިރިއުޅުމުގައި ވެސް ކާމިޔާބު ބަޔަކަށްވުން ކަމަށް އެ ކުންފުނިން ބުނެއެވެ.