ރާއްޖެއިން ފެނިފައިވާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް 19 ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ކޮރޯނާވައިރަސްގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވީ، ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވިދާނެ ކަމުގެ އުންމީދު ސަރުކާރުން ކަނޑައިނުލާ ކަމަށާއި އެކަމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އަދި ވައިރަހަށް ރާއްޖެ ތައްޔާރު ކަމަށް ވިދާޅުވިއެވެ.
އެގޮތުން ދިވެހި ރެޑް ކުރެސެންޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ހެލްތު މިނިސްޓްރީން ގުޅިގެން ކޮރޯނާވައިރަހާ ގުޅޭ ޓްރޭނިން 81،000 މީހަކަށް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ކޮރޯނާވައިރަސްގެ އަލާމާތެއް ފެނިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ ލުއިފޮތާއި އިރުޝާދު ހުރިހާ ރަށަކަށް ދީފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އަދި ރައްޔިތުންގެ ތެރޭގައި އޮތް ހާސް ކަމަށް ތަސައްލީއެއް ހޯދައިދިނުމަށްޓަަކައި ވެސް ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ ވީއެންމެ އަވަހަކަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ނަގާ ވަގުތެއްގެ އިތުރުން އެއްވެސް ވަގުތެއް ހޭދަ ނުކޮށް މައުލޫމާތު ހިއްސާ ކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށް ވިދާޅުވިއެވެ.