މޭޔަރު ކަމަށް ހޮވިއްޖެނަމަ މާލޭގެ ދަފްތަރު އުވާލައި ދަފްތަރުގައި ތިބި މީހުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނެ ކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ކެމްޕެއިން އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަކީ މާލޭ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި މޭޔަރަކަށް އޭނާ ހޮވިއްޖެނަމަ އެކަން ކުރާނެ ކަމަށެވެ. އަދި އެކަން ހުއްޓުވޭނެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށާއި އެކަން ހުއްޓުވަން މަސައްކަތްކޮށްފިނަމަ އެބަޔަކު ގޮވައިގެން ކޯޓަށް ވެސް ދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މޭޔަރު ކަމުގައި މާލޭގެ ބިން އޮތް ގޮތަކުން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގައި ފުލެޓް އެޅުމަށްފަހު ދަފްތަރު އުވާލައި ދަފްތަރުގެ ރަޖިސްޓްރީގައި ތިބި މީހުންނާއެކު މާލެއިން ބޯހިޔާވަހިކަން ނުލިބި ތިބި ފަރާތްތަކަށް ހިލޭ ފުލެޓްތައް ދޭނަން،" އަލްހާން ވިދާޅުވިއެވެ.
މީގެ ކުރިން ކަޑަ ޖަހައި ބިން ރަޖިސްޓްރީ ކޮށްދީފައިވަނީ އެއްވެސް އަގަކާއި ނުލާކަން ފާހަގަކުރައްވާ އަލްހާން ވިދާޅުވީ، އެގޮތަށް ގޯތި ދިނުމުން ގޯތީގައި 10 ބުރިއަށް އެޕާޓްމަންޓް ހަދައި، ހިތަށް އެރި އަގަކަށް ކުއްޔަށް ދެމުންދާ ކަމަށެވެ. އަދި މާލެ ތޮއްޖެހެން ފެށުމުން ދެން ފެށީ ފުލެޓް އަޅަން ކަމަށާއި ނަމަވެސް ބޯހިޔާވަހިކަން އެންމެ ބޭނުންވާ މީހާއަށް ގިނަ ފަހަރު އެ ފުލެޓް ވެސް ނުލިބޭ ކަމަށެވެ.
އަލްހާން ވިދާޅުވީ އެއްބަޔަކަށް ބިން ހިލޭ ދީފައި އަނެއް ބަޔަކަށް ފުލެޓް އަޅައި ކުއްޔަށް ދިނުމަކީ އޭނާ ގަބޫލުކުރައްވާ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނާ ދޭތެރޭގައި ވެސް ހަމަހަމަ އުސޫލުން ކަންތައް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެންމެންނަށް ބިން ދޭނެ ޖާގަ މިއަދު މާލޭގައި ނެތް ނަމަވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަކުގައި ފުލެޓްތައް ރަޖިސްޓްރީކޮށްދީ އެ ބިމުގެ ރަޖިސްޓްރީ އެފަރާތްތަކަށް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިދޭނެ ކަމަށެވެ.