ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ދެ ބިދޭސީ މުވައްޒަފުން ފެނުމާއެކު އެ ރަށުގެ ހާލަތު އޮރެންޖު އެލާޓަށް ގެނެސް، ރާއްޖޭގެ ހާލަތު މިހާރު އޮތީ ޔެލޯ އެލާޓްގައެވެ.
ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިވަގުތު ކަންބޮޑުވުމާއި ހާއްސަކަމުގެ ތެރެއަށް ވަޑައިނުގެން، ޑޮކްޓަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާއި އިރުޝާދަށް އަމަލު ކުރައްވަމުން ގެންދެވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
"ކޯވިޑް19އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިދަނީ ކުރަމުން،" ރައީސްގެ ކުރު ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް19ގެ ކޭހެއް ރާއްޖެއިން ފެނުމުގެ ކުރިން ވެސް ރައީސް ވަނީ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންނާއި ކަމާބެހޭ އިދާރާތަކާ ގަވާއިދުން މަޝްވަރާ ކުރައްވަމުންނެވެ. އަދި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވެސް ދިޔައީ އެކަމާގުޅޭ މައުލޫމާތު ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ހާމަ ކުރަމުންނެވެ.
އެގޮތުން ކޮވިޑް19އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިންމު ކަންކަމާގުޅޭ ގޮތުން މުލިއާގޭގައި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ވަނީ ބާއްވައިފައެވެ.