ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19އާ ގުޅޭ ހަބަރާއި މައުލޫމާތު އާންމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19އާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް އަދި ހަގީގަތާއި ހިލާފު ދޮގު ހަބަރާއި މައުލޫމާތު ނުގެނެސްދިނުމަށް އެދޭ ކަމަށެވެ.
އެގޮތުން ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ހަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިއުކުރާ މައުލޫމާތުކަން ކަށަވަރު ކުރުމަށް ވެސް އެދިފައިވެއެވެ.
އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނީ، މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ހަބަރާއި މައުލޫމާތު ފެތުރުމުގައި އަމަލުކުރަމުންދާ ގޮތް އެ ކައުންސިލުން ވިލަރެސް ކުރަމުންދާނެ ކަމަށެވެ.
އެގޮތުން މީޑިއާތަކުގައި ޝާއިއުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެމީޑިއާއަކާ ވާހަކަ ދައްކައި، ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައިވެއެވެ.
ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ދެ ބިދޭސީ މުވައްޒަފުން ފެނުމާއެކު އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ކުރެއްދޫގެ ހާލަތު އޮރެންޖު އެލާޓަށް ގެނެސް، މުޅި ރާއްޖޭގެ ހާލަތު މިހާރު އޮތީ ޔެލޯ އެލާޓްގައެވެ.
ޔެލޯ އެލާޓަކީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓެކެވެ. އަދި އޮރެންޖް އެލާޓަކީ ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބެލި ފެތުރޭ ހާލަތުގައި ނެރޭ އެލާޓެވެ.