ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުންދާ ކަމަށާއި ގައުމު އަމާންކޮށް ބޭއްވުމަށްޓަކައި އަންހެން ފުލުހުން ކުރައްވަމުން ގެންދަނީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން ގައުމުގެ އަމަންއަމާންކަން ބެލެހެއްޓުމުގެ އެންމެ އިސް ސަފުގައި 14.44 ޕަސެންޓު އަންހެނުން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ފްރަންޓް ލައިނާއި ކްރައިމް އިންވެސްޓިގޭޓިން އަދި ފޮރެންސިކް ފަދަ މުހިންމު ދާއިރާތަކުގައި ގާބިލު އަންހެން އޮފިސަރުންނާއި އަންހެން މުއައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކޮންމެ އަހަރެއްގެ މާޗް މަހުގެ އަށް ވަނަ ދުވަހަކީ ދުނިޔޭގެ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާ ދުވަހެވެ. މިދުވަސް ފާހަގަކުރަމުން އަންނަނީ އަންހެނުނަށް މުޖުތަމައުތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި އަންހެނުންގެ ހިއްސާ މުޖުތަމައުގައި މުހިންމުކަން އަންގައި ދިނުމުގެ ގޮތުންނެވެ.