ޚަބަރު

އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުން އައިޖީއެމްއެޗުން މެދުކަނޑާލައިފި

އިބްރާހިމް ޒަކީ

އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރަތް ކުރުންވަގުތީ ގޮތުން މެދު ކަނޑާ ލައިފިއެވެ.

އައިޖިއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެއީ މިހާރު ފެތުރެމުންދާ ނުރައްކާތެރި، ކޮވިޑް19ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން އައިޖީއެމްއެޗްގައި ބައިތިއްބައިގެން (އެޑްމިޓްކޮށްގެން) ފަރުވާދެމުންއަންނަ ބަލި މީހުންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލްގެ ސިއްހީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން ބަލި މީހުންނަށް ޒިޔާރަތް ކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދު ކަނޑާލީ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އައިޖީއެމްއެޗުން ބުނީ އެޑްމިޓްކޮށްފައި ތިބޭ މީހުންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު މިއަދުންފެށިގެން ބަންދު ކުރި ނަމަވެސް ފާސް ލިބިފައިވާ ބަލި މީހުންގެ އެހީތެރިންނަށް ބަލި މީހާއާއެކު މަޑުކުރެވޭނެ ކަމަށެވެ.

އަދި ފާސް ލިބިފައިވާ މީހުންގެ އިތުރުން، އެކި ކަންކަމުގައި އެހެންމީހުން ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމާއި، ކޮންމެހެން ޒިޔާރަތް ކުރަންޖެހިގެންނޫން ގޮތަކަށް އައިޖިއެމްއެޗަށް އެއްވެސް މީހަކު ޒިޔާރަތް ނުކުރުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.