އަލީ ޔާމިން
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ސްރީލަންކަން އެއާލައިންސް އިން އެއްދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފިއެވެ.
މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ސްރީލަންކަން އެއާލައިންސް އިން ކޮލަންބޯ އާއި ބެންކޮކާއި ސިންގަޕޫރު އަދި ދުބާއީގެ އިތުރުން ގަމުން ކޮލަންބޯއަށް ވެސް ހާއްސަ އަގުތަކެއް ވަނީ ކަނޑައަޅައިފައެވެ.
މި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަމުން ސްރީލަންކަން އެއާލައިންސްގެ މާލޭ ޓިކެޓު އޮފީހުގެ އެސިސްޓެންޓް މެނޭޖަރު އައިޝަތު ޝިއުމް މޫސާ "ވަން"އަށް ވިދާޅުވީ، ޕްރޮމޯޝަންގެ ދަށުން ސްރީލަންކަން އެއާލައިންސްގެ ބުރާންޗުތަކުން މިރޭ 10:00 އާ ހަމައަށް ޓިކެޓް ގަނެވޭނެ ކަމަށާއި މިއަހަރުގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ފެއާގެ ދަށުން ދިވެހިންނަށް ކޮލަންބޯގެ ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 254 ޑޮލަރަށެވެ. ބެންކޮކަށް ދެކޮޅު ޓިކެޓު 312 ޑޮލަރަށް ވިއްކާއިރު ދުބާއީ ދެކޮޅުގެ ޓިކެޓު އިކޮނަމީ ކުލާހުގައި ވިއްކާނީ 423 ޑޮލަރަށެވެ. އަދި ސިންގަޕޫރުގެ ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 302 ޑޮލަރަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ބިޒްނަސް ކުލާހުގައި އެ ގައުމުތަކަށް ދަތުރުކުރާ ފަރާތްތަކަށް ވެސް ވަނީ ހާއްސަ އަގުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން ދިވެހިންނަށް ބިޒްނަސް ކުލާހުގައި ކޮލަންބޯއަށް 488 ޑޮރަށް ދަތުރު ކުރެވޭނެ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެއެވެ.