ޚަބަރު

މިއަދުން ފެށިގެން ކޮންމެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖައްސައިފި

އިބްރާހިމް ޒަކީ

މިއަދުން ފެށިގެން ކޮންމެ ފަރުލު ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔަވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކޮރޯނާ ވައިރަހުންޖެހޭ، ކޮވިޑް 19 ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކިޔަމުން އަންނަ ގުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުލު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސައއިފި ކަމަށެވެ.

ކޮރޯނާ ވައިރަހާއި ހިމަބިހިން ރައްކާތެރިވުމަށް، ގުނޫތު ނާޒިލާ ކިޔަން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އަންގާފައި އޮތީ، ކޮންމެ ޖަހްރިއްޔާ (އަޑުހަރުކޮށް ކިޔަވާ) ނަމާދުތަކުގެ ފަހު ރަކްއަތުގެ އިއުތިދާލުގައި އެކަންޏެވެ.

އެއީ މިއަހަރުގެ ޖެނުއަރީ 30 އިން ފެށިގެންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހިމަބިހީގެ ނުރައްކާ ބޮޑުވެފައި އޮން ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް 19 މިހާރު ރާއްޖެއަށްވެސް ވަނީ އައިސްފައެވެ.

ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ރޭ ވިދާޅުވީ، ކޮރޯނާވައިރަހުން، ކޮވިޑް 19 ޖެހިފައިވާ ދެމީހަކު ރާއްޖެއިން ފެނިފައިވާ ކަމަށާއި، އެ ދެމީހުންނަކީ، ޅ.ކުރެއްދޫ ރިސޯޓުގައި ވަޒީފާ އަދާކުރާ ދެމީހުން ކަމަށެވެ.

އަދި އެއީ ދެ ބިދޭސީިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ދެމީހުންވެސް ތިބީ ކަރަންޓީނު ފެސިލިޓީ ކަމުގައިވާ ފަރުކޮޅު ފުށީގައި ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ކޮވިޑް 19 ގެ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، އެ ދެމީހުންގެ ހާލު މިވަގުތައް އަދި ރަނގަޅު ކަމަށެވެ.