މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެޔަށް ބަދަލުކޮށްދިނުމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު މި ދުވަސްކޮޅު މުހިންމީ އެއްބައިވަންތަކަމާއި އިހްސާންތެރިކަން އިސްކުރުން ކަމުގައެވެ. އެގޮތުން ގައުމު އެއްބައިވަންތަކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ދަނޑިވަޅުގައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ކަމާ ބެހޭ އިދާރާތަކަށް، ހާއްސަކޮށް ރައީސް ސޯލިހަށް ގޮވާލަން މިއީ ދިވެހި ގައުމުގައި އެއްބައިވަންތަކަން ގާއިމްކުރުމަށް ރައީސް ސޯލިހަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކޭ. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕަވާށޭ. އަދި ނަމޫނާ ދެއްކެވުމުގެ ގޮތުން އަޅުގަނޑުމެންގެ ލީޑަރު ޖަލުގައި ހުރި ހުރުމަށް ނިމުމެއް ގެންނަވައި އެމަނިކުފާނު މިހާރުން މިހާރަށް ގެޔަށް ބަދަލުކޮށްދެއްވާށޭ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މުޅި ގައުމު އެއްބައިވަންތަ ކުރުމަށް ކުރަން ވަރަށް ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކޮވިޑް 19އާ ގުޅިގެން ޖަލުތަކުގައި ތިބި ކުށްވެރިން ދޫކުރަމުން އަންނަ ކަމަށާ އެހެންކަމުން މި ދަނޑިވަޅުގައި ސަރުކާރުގެ އިހްސާންތެރިކަން ދެއްކުމަށް ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދޭން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ގައުމަށް ދިމާވާ ބޮޑެތި ކާރިސާތަކާ ގުޅިގެން ޖަލުގައި ތިބި ކުށްވެރިން ދޫކުރިކަން ދިވެހި ރާއްޖޭގެ ތާރީހު ހެކިދޭ ކަމަށެވެ. އެގޮތުން ރައީސް ނާސިރުގެ ވެރިކަމުގައި ފެތުރުނު ކޮލެރާ އާއި، ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއިން އަރައިގަތުމަށްވެސް ޖަލުގައި ބަންދުކޮށްފައި ތިބި ބައެއް ސިޔާސީ ފަރާތްތައް މިނިވަން ކުރި ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.