އަލީ ޔާމިން
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ބެހޭ ގޮތުން ފެމިލީ ލީގަލް ކްލިނިކުން ހިލޭ ސާބަހަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ފައްޓައިފިއެވެ.
މި ހިދުމަތް އެ ޖަމިއްޔާއިން ފަށާފައިވަނީ އިއްޔެ ފާހަގަކުރަން ފެށި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެންނެވެ.
ފެމިލީ ލީގަލް ކްލިނިކަކީ 2014 ވަނަ އަހަރުން ފެށިގެން އާއިލާއާ ބެހޭ މައްސަލަތަކާ، ގެވެށި އަނިޔާގެ މައްސަލަތަކުގައި ހިލޭ ސާބަހަށް ގާނޫނީ ލަފާ ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް އަމާޒުކޮށްފައިވާ "ޖިންސީ ފުރައްސާރަ ކުރުމާ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު" ވުޖޫދަށް އައިސްފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ފެމިލީ ލީގަލް ކްލިނިކުން ފާހަގަކުރާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުން ކަމަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވުމުން އެ މައްސަލަތަކަށް އެކަށީގެންވާ ހައްލު ހޯދުމަށާއި މިފަދަ އަމަލުތައް ކުރާ މީހުން ޖަވާބުދާރީކޮށް، އެފަރާތްތަކާމެދު ފިޔަވަޅު އަޅާތަން ނުފެންނަކަމީ މި ގާނޫނު އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒުވަމުން ނުދާކަމުގެ ހެއްކެއް ކަމުގައިވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ.
ފެމިލީ ލީގަލް ކްލިނިކްގެ ވައިސް ޗެއާޕާސަން ސުވޭޒާ ނައީމް ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރިމަތިވުމުން އަމަލު ކުރަން ޖެހޭ ގޮތް ގިނަ އަންހެނުންނަށް ނޭނގޭ ކަމަށެވެ.
"މަސައްކަތުގެ މާހައުލުގައި އެކި ފެންވަރުގައި ތިބޭ މީހުންގެ ފަރާތުން އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ކުރިމަތިވޭ. މިފަދަ ކަންކަން ކުރިމަތިވުމުން ގާނޫނީ ގޮތުން ކުރެވޭނެ ކަންކަމަކީ ކޮބައިކަން ގިނަ ފަރާތްތަކަކަށް ނޭނގެ. މިފަދަ މައްސަލަތައް ރިޕޯޓްކުރަން ގިނަ އަންހެނުން ފަސް ޖެހޭ ސަބަބަކީ އެކަމުގެ ސަބަބުން އެމީހުންނަށް ވަޒީފާގެ މާހައުލުގައި ލިބެން ޖެހޭނެ ރައްކާތެރިކަން ނެތުން" ސުވޭޒާ ވިދާޅުވިއެވެ.
ފެމިލީ ލީގަލް ކްލިނިކުން ހިލޭ ސާބަހަށް ފޯރުކޮށްދޭ ގާނޫނީ އެހީތެރިކަމުގެ ތެރޭގައި، ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ހާދިސާއެއް ދިމާވުމުން، އެފަދަ މައްސަލައެއްގައި ކުރިއަށްދާންވީ ގޮތް ބުނެދިނުމާއި، އެފަރާތެއްގެ ވަޒީފާ ދޭ ފަރާތަށް މައްސަލަ ހުށަހެޅުމާއި، ނުވަތަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެފަދަ މައްސަލައެއް ހުށަހެޅުމަށް ދޭން ޖެހޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
ފެމިލީ ލީގަލް ކްލިނިކުގެ އެހީތެރިކަން ހޯދުމަށް 9977771 އަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 5:00 ގުޅަން އެ ޖަމިއްޔާއިން އެދެއެވެ.