ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ޖުނޭދު ވަނީ އޭނާ އެމްޑީޕީ އަށް ސޮއިކުރެއްވި ކަން "ވަން އޮންލައިން" އަށް ޔަގީންކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ އެންމެ މުހިންމު މަގުސަދަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ - މަރަދޫފޭދޫ ދާއިރާއަށް ނިކުންނަވާ އިމާދު ސޯލިހަށް އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވުން ކަމަށެވެ.
"އާދެ. އަޅުގަނޑާއި އާއިލާ އަދި ބައެއް ރައްޓެހީން އެމްޑީޕީއާ ގުޅިއްޖެއިން. މީގެ އެންމެ މުހިންމު ބޭނުމަކީ އިމާދު ސޯލިހަށް މިދާއިރާގެ މަޖިލިސް ގޮނޑި ހޯދައިދިނުން." ރައީސް ޔާމީންގެ އެންމެ އަރިސްބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގެންނެވި ޖުނެއިދު ވަން އަށް ވިދާޅުވިއެ އެވެ.
މިހާރު ވެސް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޖުނެއިދު ވިދާޅުވީ މަގާމުން އިސްތިއުފާ ނުދެއްވައި މަޑުކުރައްވަނީ އެމަގާމާ އެހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވަންދެން ކަމަށާއި ކަސްޓަމްސް ފަދަ ތަނެއް ވެރިޔަކު ނެތި ދޫކޮށްލައްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ.
ސިޔާސީ މައިދާނުން ދެން ފެނިވަޑައިގަންނަވާނީ އެމްޑީޕީންތޯ ސުވާލު ދެންނެވުމުން ޖުނޭދު ވިދާޅުވީ އެކަމާ މެދު އެއްޗެއް ވިދާޅުވާން އަދި އަވަސް ކަމަށެވެ.
"ކޮންމެވެސް ދިމާއެއްގައި ހުންނަން ޖެހޭނެ ދޯ. ޚިދުމަތް ކުރާނަން. ދެން އަދި އެއަށް ގޮތެއް ނުނިންމަން." ޖުނޭދު ވިދާޅުވި އެވެ.