ޚަބަރު

ފެއިލްވެފައިވާ ޕާޓީ ސިސްޓަމް ބަލިކުރެވޭނީ ރައްޔިތުން މިނިވަން ވިސްނުމަށް ވޯޓު ދެއްވައިގެން: އަލްހާން

އައިދާ އަބްދުލް ހަކީމް

1

ފެއިލްވެފައިވާ ޕާޓީ ސިސްޓަމް ބަލިކުރެވޭނީ މިނިވަން އަގުލަބިއްޔަތު ނުކުމެ މިނިވަން ވިސްނުމަށް ވޯޓު ދެއްވައިގެން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ އަކީ ސިޔާސީ ޕާޓީތަކުގެ މެންބަރުން ނޫން ކަމަށެވެ. އަދި އޭނާ އަކީ އަމިއްލަ މެންބަރެއް ކަމަށެވެ.

އަލްހާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އޭނައަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަލްހާން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް މީހަކު ކުރިމަތިލާފައި ނުވާތީ އެޕާޓީތަކުގެ ލީޑަރުންނާއި އާންމު މެންބަރުން އޭނާއަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ކެމްޕޭނުގައި އެއްވެސް އާންމު އެއްވުމެއް ނުބާއްވަން ނިންމަވާފައިވާކަން އިއްޔެ އަލްހާން ވަނީ އިއުލާނުކުރައްވާފައެވެ. އަލްހާން ވިދާޅުވީ އާންމު އެއްވުން ނުބާއްވަވާނެ ކަމަށާއި ކެމްޕެއިން އިފްތިތާހް ކުރުން ބާއްވާނީ ކެމްޕޭން އޮފީހުގައި މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކައިގެން ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލްހާން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ޖޭޕީން ވަކިވެވަޑައިގަތުމަށްފަހު އަލްހާން ޓުވިޓާގައި ވިދާޅުވީ އޭނާ ވަކިވެވަޑައިގަތީ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟