ޚަބަރު

ކޮރޯނާއާ ގުޅިގެން ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ހަފުލާ ފަސްކޮށްފި

އަލީ ޔާމިން

ދަރުބާރުގޭގައި މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން ފަސްކޮށްފިއެވެ.

އެކަން އާންމުކޮށް އެމްއެންޔޫ ބިޒްނަސް ސްކޫލުން ކުރި ޓުވީޓެއްގައި ބުނީ މިރޭ ބާއްވަން ހަމަޖައްސާފައި އޮތް ދަސްވެނިވުމުގެ ހަފުލާ ފަސްކޮށްފައިވާ ކަމަށާއި، އެ ހަފުލާ ފަސްކޮށްފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ ދެ މީހުން ރާއްޖެއިން ފެނުމުން ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ބުނީ، ގައުން އަނބުރާ ދައްކަން ޖެހޭނީ ކުރިންވެސް ހަމަޖައްސާފައިވާ ގޮތަށް މިމަހުގެ 11 ވަނަ ދުވަހުގެ 14:00ގެ ކުރިން ކަމަށެވެ.

މީގެ އިތުރުން ފަސްކުރި ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ދަރިވަރުންނަށް، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ހިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވާން ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށް ވެސް ގައުމީ ޔުނިވަސިޓީން ބުނެއެވެ. އަދި ދަސްވެނިވިކަމުގެ ސެޓްފިކެޓް ރަޖިސްޓްރާގެ އޮފީހުން 11 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިބޭނެ ކަމަށާއި ސެޓްފިކެޓް ލިބިފައިވާ ދަރިވަރުންނަށްވެސް ފަސްކުރި ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިވެވޭނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުނެއެވެ.