ޚަބަރު

ބްރޫނާއީން ރާއްޖެއަށް ދޭ ސްކޮލާޝިޕް އިތުރުކުރުމަށް ނިންމައިފި

އަލީ ޔާމިން

ބްރޫނާއީން ދިވެހިރާއްޖެއަށް ދޭ ސްކޮލާޝިޕްތައް އިތުރުކުރުމަށް އެ ގައުމުން ނިންމައިފިއެވެ.

މިގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވަނީ، ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބްރޫނާއީއަށް ކުރައްވާ ރަސްމީ ދަތުރުގައި ބޭއްވެވި ބައްދަލުވުންތަކުގައި، އެކަމަށް އެމަނިކުފާނު އެދިވަޑައިގަތުމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ދަތުރުގައި މިނިސްޓަރު ޝާހިދު ވަނީ، ބްރޫނާއީގެ ރަސްގެފާނު ހަސަނުލް ބޮލްކިއާ އާއި އެގައުމުގެ ސެކަންޑް ފޮރިން މިނިސްޓަރު އަދި އެޑިއުކޭޝަން މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ބްރޫނާއީން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިހާރުވެސް ކޮންމެ އަހަރަކު ފަސް ސްކޮލާޝިޕް އެގައުމުން ރާއްޖެއަށް ދޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

1999 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބްރޫނާއީއަށް ޒިޔާރަތްކުރައްވާފައެއް ނުވެއެވެ. ބްރޫނާއީގެ ރަސްގެފާނާއި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު ޝާހިދު ވިދާޅުވީ މިއީ ރާއްޖެ-ބްރޫނާއީ ގުޅުމުގެ އާ ބާބެއްގެ ފެށުން ކަމަށެވެ.