ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންހެނުންގެ ހަގީގީ ގާބިލުކަން ފެންނާނީ ހަމަހަމަ ފުރުސަތުތަކެއް ލިބިގެން: ރައީސް ސޯލިހު

އަންހެނުންގެ ހަގީގީ ގާބިލުކަން ފެންނާނީ އެ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި، މަރުހަބާ ވިދާޅުވެ ކުރެއްވެވި ޓުވީޓެއްގަ އެވެ.

އިންސާނީ ޖީލު ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ނެގެހެއްޓުމުގައި އަންހެނުން އަދާކޮށްފައި ވަނީ އަގު ނުކުރެވޭ ފަދަ މުހިންމު ދައުރެއްކަން ފާހަގަ ކުރައްވައި، ރައީސް ސޯލިހު ވަނީ އެ ހިދުމަތްތަކަށް ޓަކައި ހުރިހާ އަންހެނުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އަންހެނުންގެ ދުވަސް އަޅުގަނޑުމެން މި ފާހަގަ ކުރަނީ، އިންސާނީ ޖީލުތައް ނަގަހައްޓައި، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް އަންހެނުން ކޮށްދެމުން އަންނަ އަގު ނުކުރެވޭ ފަދަ ހިދުމްތަކަށް ޝުކުރުވެރިވަމުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވީ އަންހެނުންގެ ހަގީގީ ގާބިލު ކަމާއި ފަންވަރު ފެންނާނީ ވެސް އަދި ދެންކޭނީ ވެސް އެމީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބޭ ދުނިޔެއެއްގައި ކަމަށެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އަށް ވަނަ ދުވަހެވެ. ރާއްޖޭގައި މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1983 ވަނަ އަހަރު އެވެ.