އިބްރާހިމް ޒަކީ
ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިޔެއްގެ ހަށިގަނޑުން ކޮރޯނާވައިރަސް (ކޮވިޑް-19)ގެ އަލާމާތްތައް ފެނިގެން ސަމާ އައިލެންޑް ރިސޯޓު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު، އެމީހުން ކޮރޯނާއަށް ނެގެޓިވް ކަމަށް ދެއްކުމުން އެރިސޯޓު ހުޅުވާލައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސަމަ އައިލެންޑް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި ހަތް މީހުން ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާ ކަމަށެވެ.
ޓެސްޓްގެ އެ ނަތީޖާއާ ވިދިގެން، ސަމަ އައިލެންޑް ރިސޯޓަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށް ވެސް އެފަރާތުން ބުންޏެވެ.
އެ ރިސޯޓުން ކަރަންޓީނުކޮށް ޓެސްޓު ކުރި މީހުންގެ ތެރޭގައި އެރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ހިމެނެއެވެ.
އެ ހާދިސާއާ ގުޅިގެން ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 30 އަހަރުގެ ދެ ޓޫރިސްޓަކު ހުން އައިސްގެން، ރިސޯޓުގައި ހުންނަ ޑޮކްޓަރަށް ދެއްކީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. އެމީހުންގެ ކިބައިން ކޮވިޑްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ހިސާބުން އެކަން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށްވެސް ބުނެފައިވެއެވެ. އަދި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ އެ ދެމީހުން ތިބީ އެ މީހުންގެ ކޮޓަރީގައި ކަރަންޓީނު ކޮށްފައި ކަމަށް ވެސް އޭރު ނެރުނު އެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނި ގޮތުގައި އެރިސޯޓުގެ 33 އަހަރުގެ އިންޑިއާގެ ޑޮކްޓަރު ކެއްސައި ނޭވާ ކުރުވާތީ އެކަން އެންގި ކަމަށެވެ. އޭނާ ވެސް އެ ހިސާބުން ހުރީ އެނާގެ ކޮޓަރީގައި އެކަހެރި ކޮށްފައި ކަމަށެވެ. އަދި އޭގެ ފަހުން ރިސޯޓުގެ އެހެން ތިން މުވައްޒަފަކުވެސް އާދައިގެ ވަރަކަށް ކެއްސާތީ އެމީހުން ވެސް އެކަހެރި ކޮށްފައިވާ ކަމަށް އެބަޔާނުގައި ވެއެވެ.
ސަމާ އައިލެންޑުން ބުނީ، ދެ ޓޫރިސްޓުންގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ހިސާބުން ފެށިގެން، އެކަމާ ގުޅޭ ގޮތުން ރިސޯޓުން އެޅި ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
ސަމާ އައިލެންޑަށް އަރާ ފޭބުން ހުއްދަ ކޮށްފައިވާއިރު، އދ. ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިގައި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން ވަނީ މޮނިޓާ ކޮށް ޓެސްޓް ހަދަން ފަށައިފިއެވެ.
އެކަމުގެ ސަބަބުން އެރަށް ލޮކްޑައުން ކޮށްފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.