އިބްރާހިމް ޒަކީ
އދ. ސޭންޑީޒް ބަތަލާ އައިލަންޑް ގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއެއްގެ ކިބައިގައި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓާ ކޮށް ޓެސްޓް ހަދަން ފަށައިފިއެވެ.
ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ރިސޯޓުން ޝައްކުކުރެވޭ މީހާ ފެނުމުން، އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓުވާލާފައިވާ ކަމަށެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިއްޖެކަން ހާަމަކޮށްފައިވަނީ މިރެއެވެ.
އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ދަރުބާރުގޭގައި މިރޭ ބޭއްވި ނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، ކޮރޯނާވައިރަސް ޖެހިފައިވާ ދެމީހަކު ރާއްޖެއިން ފެނިފައިވާ ކަމަށެވެ.
އެ ދެމީހުންނަކީ، ޅ.ކުރެއްދޫ ރިސޯޓުން ޓެސްޓު ކުރި ދެމީހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ދެމީހުންނަކީ އެ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ ބިދޭސީިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެ ދެމީހުންގެ ހާލު ގޯސްނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެދެމީހުންވެސް މިހާރު ތިބީ ކަރަންޓީނު ފެސިލިޓީ ކަމުގައިވާ ފަރުކޮޅު ފުށީގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް މިނިސްޓަރު ވިދާޅެއްް ނުވެއެވެ.
ފަތުރުވެރިއެއްގެ ކިބައިން އަލާމާތްތައް ފެނުމާ ގުޅިގެން، ސޭންޑީޒް ބަތަލާ އައިލަންޑް ލޮކްޑައުން ކޮށްފައިވާއިރު، ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިޔެއްގެ ހަށިގަނޑުން ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ސަމާ އައިލެންޑް ރިސޯޓު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު، މިހާރު ވަނީ ހުޅުވާލައިފައެވެ.
ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސަމާ އައިލެންޑް ރިސޯޓު ހުޅުވައިލީ އެ ރިސޯޓުން ޓެސްޓް ކުރި މީހުން ކޮރޯނާ ވައިރަސް އަށް ނެގެޓިވް ވުމާ ގުޅިގެން ކަމަށެވެ.