ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު އާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު މިއަދު އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ހެޔޮ އެދުންތައް ރައީސް ކޯވިންދަށް ދަންނަވާފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކާއި އެކި މަޝްވަރާ ތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ފެށުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ދައުލަތުގެ އިސްބޭފުޅުންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ސުޝްމާ ސްވަރާޖް އާއި އިންޑީއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިިތާރަމަން އާ މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ.