އދ.ގެ ކުރީގެ ސެކްރެޓްރީ ޖެނެރަލް އަދި ޕެރޫގެ ކުރީގެ ޕްރައިމް މިނިސްޓަރ ޖަވިއާ ޕީރެޒް ޑަ ސުއެލާ އަވަހާރަވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޕެރޫގެ ރައީސް އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ޕެރޫގެ ރައީސް މާޓިން ވިޒްކަރާ އާއި އދ.ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އަށް ވަކިވަކިން ފޮނުއްވި ތައުޒިޔާގެ މެސެޖުތަކުގައި ރައީސް ސޯލިހު ވިދާޅުވީ ޖަވިއާ ޕީރެޒް ޑަ ސުއެލާ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައިކަމަށެވެ.
އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޖަވިއާ ޕީރެޒް ޑަ ސުއެލާ އަކީ ދުނިޔޭގެ ސިޔާސީ މަސްރަހު އެންމެ ހަލަބޮލި ދުވަސްތަކުގައި ވެސް ކާމިޔާބުކަމާއި އެކު ސުލްހައިގެ އެގްރީމެންޓުތައް ކުރިއަށް ގެންދެވި ބޭފުޅެއް ކަމަށެވެ. އަދި އެ ބޭފުޅާގެ އަގުހުރި ހިދުމަތްތަކުގެ ސަބަބުން އދ ގެ ނަން އުފުލިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕެރޫގެ ރައީސް މާޓިން ވިޒްކަރާ އަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ ޖަވިއާ ޕީރެޒް ޑަ ސުއެލާ އަކީ ކާމިޔާބު ހުނަރުވެރި ޑިޕްލޮމެޓެއް ކަމަށެވެ. އަދި އެބޭފުޅާ އަވަހާރަވުމަކީ ޕެރޫގެ ސުލްހައާއި ލީޑަޝިޕް ބިނާކުރުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ މެސެޖުގަައި ޕެރޫގެ ސަރުކާރާއި ރައްޔިތުންނަށް ލިބިފައިވާ ހިތާމަވެރި ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ ތައުޒިޔާ ފޮނުއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.
އުމުރުފުޅުން 100 އަހަރުގައި ޖަވިއާ ޕީރެޒް ޑަ ސުއެލާ އަވަހާރަވީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެބޭފުޅާ އަކީ 1982 ވަނަ އަހަރު އދ. ގެ ފަސް ވަނަ ސެކެޓްރީ ޖެނެރަލް ކަން ކުރެއްވި ބޭފުޅެވެ. އެބޭފުޅާ ޕެރޫގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށެވެ.