ސިއްހީ ހާލަތު ދަށް ގައުމުތަކުގެ ތެރެއިން ކޮރޯނާ ފެތުރޭ ގައުުމުތަކަށް އެހީތެރިވުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އަށް 20 މިލިއަން ޑޮލަރު ދިނުމަށް ޗައިނާއިން ނިންމާފައިވާ ކަަމަށް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
ޗައިނާގެ ނޫހެއް ކަމަށްވާ ޒިންހުއާ ނިއުސްގައި ބުނެފައިވަނީ ސިއްހީ ހާލަތު ދަށް ގައުމުތަކަށް ފައިސާގެ ދިނުމަށް ޗައިނާ އިން ނިންމާފައިވަނީ ކޮރޯނާ ވައިރަހާ ދެކޮޅަށް އެ ގައުުމުތަކުގައި ކުރަމުން އަންނަ މަސައްކަތްތަަކަށް ހަަރަދުކުރުމުގެ ގޮތުން ކަމަށެވެ. ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ނިމުނު ޑިސެމްބަރު މަހު، ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. ޗައިނާގައި މި ވައިރަސް އައުޓްބެރޭކްވި ސަރަހައްދަކީ ސީފުޑާއި ޖަނަވާރުންގެ މަސް ވިއްކާ މާރުކޭޓު ސަރަހައްދެކެވެ.
ދުނިޔޭގެ 95 ގައުމަކުން މިހާރު މި ބަލި ފެނިފައިވާއިރު ވައިރަސް ޖެހިގެން 3507 މީހުން ވަނީ މަރުވެފައެވެ. މުޅި ދުނިޔޭގެ އެކި ގައުމުތަކުން ކޮރޯނާ ވައިރަސްގެ 103،204 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނަޒޭޝަން (ޑަބްލިއުއެޗްއޯ) ބުނެއެވެ.
ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޅ.ކުރެއްދޫގައި މަސައްކަތްކުރަމުންް އައި ދެ ބިދޭސީއަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައެެވެ. އެހެންކަމުން ދިވެހި ސަރުކާރުން ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ.