ޚަބަރު

މިއީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު، ޕީޕީއެމް ޕީއެންސީ ގެ އެހީތެރިކަން ލިބޭނެ: އަދުރޭ

އަހުމަދު އައުފް އަބްދުލް ސަމަދު

މިވަގުތަކީ ހިޔާލު ތަފާތުވުން ދޫކޮށް އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށާއި ރައްޔިތުންގެ ސަލާމަތަށް ކުރާ މަސައްކަތްތަކުގައި ޕީޕީއެމް ޕީއެންސީގެ އެހީތެރިކަމާއި ބައިވެރިވުން ލިބޭނެ ކަމަށް ޕީއެންސީ ގެ ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން އަބަދުވެސް އިސްކުރަނީ ދީނާއި ގައުމު ކަމަށެވެ. މިއީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ﷲ ގެ ކިބައިން ވާގި އެދި ތިބެ މަސައްކަތްކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރޭތީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ އެ ޕާޓީން ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން، ސޯޝަލް މީޑިއާއަށް ބަދަލު ކޮށްފައެވެ. ޖުމުހޫރީ ޕާޓީން ވެސް ވަނީ ދަތުރުތައް އަދި ބާއްވަން އުޅުނު ޖަލްސާ ކެންސަލް ކޮށްފައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީ ދެމީހެކެވެ. ހެލްތު މިނިސްޓްރީން މިކަން އާންމުކޮށްފައިވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ވައިރަސް އަށް ޕޮޒިޓިވް ވި ދެމީހުންގެ ހާލަތު ވެސް މިވަގުތު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.