ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާ މި ދަނޑިވަޅުގައި ރައްޔިތުން ގެ ހިތްތަކުގައި ބިރުވެރިކަން އެފެދޭ ގޮތަށް ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި އެސްޓިއޯ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މި ވަގުތަކީ ކަންބޮޑުވެ ހާސްވާންވީ ވަގުތު ނޫން ކަމަށެވެ.
މިހާލަތު އަތުވެދާނެ ކަމަށްބަލައި ފުލުހުން ތިބީ މިހާލަތަށް ތައްޔާރުވެގެން ކަމަށް ފުލުހުން ބުންޏެވެ. މިވަގުތު ފުލުހުން ކުރަމުން ގެންދަނީ ކޮރޯނާ ވައިރަސް އަށް ޓެސްޓު ކުރުމަށް މޮނިޓަރިންއަށް ލެވޭ ފަރާތްތަައް ބެލެހެއްޓުމުގެ މަސައްކަތެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެންޑީއެފް ގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ވިދާޅުވީ ސިފައިންނަށް މިވަގުތު އޮތީ ސީއެމް ބިއުލެންސް ބޭނުންކޮށްގެން މީހުން އުފުލަން ޖެހިއްޖެ ހާލަތެއްގައި މީހުން އެކި ތަންތަނަށް އުފުލުން ކަމަށެވެ.
ނަމަވެސް އެ ހާދިސާއާ ގުޅިގެން ކޮންމެ ކަމެއް ކުރަން ޖެހުނު ނަަމަވެސް ރަައްޔިތުންގެ ހިދުމަތުގައި އަބަދުވެސް އެމްއެންޑީއެފް އޮންނާނީ ތައްޔާރަށް ކަމަށް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދިމާވާ މިފަދަ ހާލަތްތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކުރެވިގެން ކަމަށާއި އެހެންކަމުން ކަންބޮޑުނުވެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އަމަލުކުރުމަށް ފުލުހުންނާއި ސިފައިން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
ހެލްތު މިިނިސްޓަރު އަބުދުﷲ އަމީން މިރޭ ވިދާޅުވީ، ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވަނީ ޅ.ކުރެއްދޫ ރިސޯޓްގައި ވަޒީފާ އަދާކުރަމުންދާ ދެ ބިދޭސީން ކަމަށާއި، އެ ދެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ކަމަށެވެ.