މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ އެކު، މަސައްކަތްކުރަން ބޭނުންވާކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފިއެވެ.
އީޔޫއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ހާލަތު ބަލަމުން ގެންދިއުމުގެ އިތުރުން އަލަށް ހޮވުނު ސަރުކާރާއެކު ކައިރިން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އީޔޫ އިން ބުނެފައިވަނީ ގިނަ ބަޔަކު ވޯޓުލާން ނުކުތީ ޑިމޮކްރަސީ ބޭނުންވެ، ރައްޔިތުން ގޮތެއް ނިންމަން ބޭނުންވެފައިވާލަތް ބޮޑުވުން ކަމަށެވެ.
އީޔޫ އިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، ސުލްހަވެރިކަމާއެކު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާތީ ރައީސް އަބްދުﷲ ޔާމީނަށްވެސް މަރުހަބާ ދަންނަވައިފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫއާ ގުޅުން ގޯސްވެ، ސަރުކާރުގެ ބައެއް އޮފިޝަލުންނަށް ފިޔަވަޅު އަޅަންވެސް އީޔޫން މަސައްކަތް ކުރިއެވެ.
އިލެކްޝަންސްއިން އިއުލާން ކުރި ވަގުތީ ނަތީޖާގައިވާ ގޮތުން، އިންތިހާބުގައި ވާދަ ކުރެއްވި މިހާރުގެ ރައީސް، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިފައި ވަނީ 1،34،616 ވޯޓު ލިބިފައިވެއެވެ.
ޖުމްލަ 2،33،877 މީހުން މިއަހަރުގެ އިންތިހާބުގައި ވޯޓުލާފައިވާ އިރު، ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ 26،2،135 މީހުނަށެވެ. ޖުމްލަ ސައްހަ ވޯޓުގެ އަދަދަކީ 2،30،748 ވޯޓެވެ.