ޚަބަރު

އެންމެ މުހިންމީ ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން: މިނިސްޓަރު އަމީން

އަހުމަދު އައުފް އަބްދުލް ސަމަދު

ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް ފެނުނު ނަމަވެސް ކަންބޮޑުނުވެ ސަރުކާރުންދޭ އިރުޝާދުތަކަށް އަމަލުކުރަމުން ގެންދިއުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާއި ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިހާލަތުގައި އެއްވެސް ރައްޔިތަކު ބިރުނުގަނެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމަތުން އަރައިގަތުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހާލަތުން އަރައިގަތުމަށް އަވައްޓެރި ގައުމުތަކުގެ އެހީތެރިކަން ވެސް ލިބެމުންދާނެ ކަމަށެވެ. މިވަގުތު އެންމެ ބޮަޑަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ކަމަށާއި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ރައްޔިތުން އަމަލުކުރުމަށް މިނިސްޓަރު އަމީން ވަނީ އެދިލައްވާފައެވެ.

ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ސަރުކާރުންގެ އިދާރާތަކުން އަބަދުވެސް ދެމުން ގެންދާނެ ކަމަށާއި އެއްވެސް ރަށަކަށް އަރައި ފައިބައި ހެދުން މަނާކުރާނަމަ އެކަން ސަރުކާރުން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

.

މި ދަނޑިވަޅުގައި އެންމެ މުހިންމީ ގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، ސެނެޓައިޒާ ބޭނުންކުރުމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ރޯގާ ގެ އެއްވެސް އަލާމާތެއް ފެންްނަ ނަމަ މީހުންގެ ތެރެއަށް ނުނިކުތުމަށާއި ކެއްސައި، ކިނބިހި އަޅާނަމަ އަނގަމަތީ އަތްއެޅުން ނުވަތަ މާސްކު އަޅައި އަނގަ އާއި ނޭފަތް ރަނގަޅަށް ނިވައިކުރުން ވެސް މުހިންމެވެ. ޓީޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ޑަސްބިނަށް ލުމަށް ސަމާލުވުމަށާއި ކޮންމެހެން ދާންޖެހިގެން މެނުވީ އުމުރުން ދުވަސްވީ މީހުންނާއި ރޯގާ ގެ އަލާމާތްތައް ހުންނަ މީހުން ހޮސްޕިޓަލް ތަކަށް ނުދިއުމަށް ވެސް ހެލްތް މިނިސްޓްރީން އެދެއެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގައި މަަސައްކަތްކުރާ ބިދޭސީ ދެ މީހުންނެވެ. އެހެންކަމުން އެ ދެ މީހުންވެސް މިހާރު ތިބީ ފަރޮކޮޅުފުށީގެ އައިސޮލޭޝަންގައެވެ. ކޮރޯނާ ވައިރަސް ފެނުމާއި ގުޅިގެން ކުރެއްދޫ ރިސޯޓް ވަނީ އޮރެންޖް އެލާޓަށް ގެނެސް އެ ރަށަށް އަރައި ފޭބުން ހުއްޓުވާފައެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްތައް އަދި އޮތީ ޔެލޯ އެލާޓްގައި ކަމަށާއި އެ ރަށްތަކުގެ ރައްޔިތުން އަދި ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.