ޚަބަރު

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާވަރަށް އެސްޓީއޯގައި ކާޑު އެބަހުރި: އަމްރު

އިބްރާހިމް ޒަކީ

ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް އެސްޓީއޯގައި ކާޑު އެބަހުރި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ދެމީހުން ރާއްޖޭން ފެނުމުން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އަމްރު ވިދާޅުވީ، ކާޑުގެ ބާވަތްތަކާމެދު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.

އަދި މިވަގުތަކީ ކޮންމެ ގެއެއްގެ ސިޓިންރޫމް ކާޑު ގުދަނަކަށް ހަދަންޖެހޭ ވަގުތުނޫން ކަމަށާއި، މި ވަގުތަކީ ކޮންމެ ގެއެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންޖެހޭ ވަގުތުނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ވަރަށް ކާޑު އެބަހުރި ކަމަށާއި، ހަމަ އާއްމުކޮށް ކައިބޮއި ހަދައިގެން ރަނގަޅަށް އުޅެވޭނެ ކަމަށެވެ.

އަމްރު ވިދާޅުވީ ރާއްޖެއަށް ކާޑު ހިފައިގެން އަންނަ ބޯޓުތައް އައުމުގައިވެސް ދަތިކަމެއް ނެތް ކަމަށެވެ.

އަދި ރައްޔިތުންނަށް ބޭނުންވާ ބޭސްވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީ، މިވަގުތު އަތުގައި ހުރި ފައިސާކޮޅަށް ކާޑުގަނެ ކާޑަށް ހަދައިގެން ބްލޮކް ކުރުމަކީ ހައްލެއްނޫން ކަމަށެވެ.

އަދި މިއީ ޕެނިކްވެ ހާސްވެގެން އުޅެންޖެހޭ ވަގުތެއްނޫން ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ ދެމީހަކު ރާއްޖެއިން ފެނިއްޖެ ކަމަށެވެ.

އަދި އެ ދެމީހުންނަކީ އެ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ ބިދޭސީިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.