ޚަބަރު

ކޮވިޑް 19 ޖެހިފައިވާ ދެމީހަކު ރާއްޖެއިން ފެނިއްޖެ

އިބްރާހިމް ޒަކީ

ދުނިޔޭގެ އެކި ގައުމުތަކުގައި ނުރައްކާތެރި ކަމާއެކު ފެތުރެމުންދާ، ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިފައިވާ ދެމީހަކު ރާއްޖެއިން ފެނިއްޖެއެވެ.

މިކަން ހާމަ ކުރެއްވީ އެކަމާބެހޭގޮތުން ދަރުބާރު ގޭގައި މިހާރު ކުރިއަށް ގެންދާ ނިއުސްކޮންފަރެންސްގައި، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޅ.ކުރެއްދޫ ރިސޯޓުން ޓެސްޓު ކުރި ދެމީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި އެ ދެމީހުންނަކީ އެ ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ދެ ބިދޭސީިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް މިކަމާބެހޭ މައުލޫމާތު ހާމަކުރަން އޮންނަ މިންގަޑުން އެއީ ކޮން ގައުމެއްގެ ދެ މީހުންކަމަށް ވިދާޅުވެވެން ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ދެމީހުންގެ ހާލު ގޯސްނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ދެ ބިދޭސީން ރާއްޖޭން ފެނުމާ ގުޅިގެން، ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގައި ނެރޭ އެލާޓް ކަމުގައިވާ، ޔެލޯ އެލާޓަށް މުޅި ރާއްޖެ އައިސް ފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އައި މީހެއްގެ ފަރާތުން ރާއްޖޭގައި ހުރި މީހަކަށް ބަލި ފެތުރޭ ހާލަތު ކަމުގައިވާ އޮރެންޖަަށް ކުރެއްދޫ ރިސޯޓް ބަދަލުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ ޕެނިކް މޯޑަށް ރާއްޖެ ދާންވީ ވަގުތު ނޫން ކަމަށާއި، ސާފުތާހިރު ކަމަށް އިސްކަްނ ދީގެން އެއްމެން އެއްކޮށް މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރާއި ޑަބްލިއުއެޗްއޯއާ ގުޅިގެން ހަދާފައިވާ އެސްއޯޕީތަކަށް މިހާރު އަމަލުކުރަމުންދާނެ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ސަރުކާރާއި އެޗްޕީއޭއާއި އެންޑީއެންއޭގެ ފަރާތުން ދޭ އިރުޝާދުތަކަށް އަމަލުކުރަމުން ގެންދިޔުމަށް މިނިސްޓަރު އަލީ ވަހީދު ރިޒޯޓުތަކުގެ މެނޭޖްމަންޓްތަކަށް އިލްތިމާށް ކުރެއްވިއެވެ.