ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބްރޫނާއީ ދާރުއްސަލާމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރަސްގެފާނު ސުލްތާން ހާޖީ ހަސަނުލް ބޮލްކިއާ މުއިއްޒައްދީން ވައްދައުލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރަސްގެފާނަށާއި ބްރޫނާއީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ރައްދު ކުރައްވާފައެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެއާއި ބްރޫނާއީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިކަމަށާއި އަދި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަޝިޕްތަކަށް ޝުކުރު އަދާ ކުރައްވައި، އެސްކޮލަޝިޕްތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުން ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެއާ ބްރޫނާއީގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އޯ.އައި.ސީގެ މެމްބަރު ގައުމުތަކާއެކު އޮންނަ ސިޔާސީ އަދި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަން ދެއްވާ ކަމަށް ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމަކީވެސް ކޮމަންވެލްތުގެ މެމްބަރު ގައުމުތައްކަމުން، ބައިނަލްއަގްވާމީ ދާއިރާތަކުގައި ދެގައުމު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުންވެސް ރަސްގެފާނާއެކު މިނިސްޓަރު ޝާހިދު މަޝްވަރާކުރެއްވި ކަމަށެވެ.