ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް19) އިން ރައްކާތެރި ވުމުގެ ގޮތުން ކެމްޕޭނުގައި އެއްވެސް އާންމު އެއްވުމެއް ނުބާއްވަން ނިންމަވާފައިވާކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު އެއްވުން ނުބާއްވާނެ ކަމަށާއި ކެމްޕެއިން ލޯންޗިން ކުރުން ބާއްވާނީ ކެމްޕޭން އޮފީހުގައި މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކައިގެންކަމަށެވެ.
"ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅުގަނޑުގެ ކެމްޕޭނުގައި އެއްވެސް އާންމު އެއްވުމެއް ނުބާއްވަން ނިންމައިފިން، ކެމްޕޭން ލޯންޗިންގ އޮންނާނީ ކެމްޕޭން އޮފީހުގައި، ރާއްޖޭގެ މީޑިއާ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކައިގެން" އަލްހާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ތާއީދު ކޮށްދެއްވުމަށް އަލްހާން ވަނީ އެ ދެޕާޓީގެ ކިބައިން އެދިވަޑައިގެންފައެވެ.
އަލްހާން ފަހުމީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ ފަރާތުން މާލޭސިޓީގެ މޭޔަރު ކަމަށް މީހަކު ކުރިމަތިލާފައި ނުވާތީ އެޕާޓީތަކުގެ ލީޑަރުންނާއި އާންމު މެންބަރުން އޭނާއަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލްހާން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ޖޭޕީން ވަކިވެވަޑައިގަތުމަށްފަހު އަލްހާން ޓުވިޓާގައި ވިދާޅުވީ އޭނާ ޛޭޕީން ވަކިވެވަޑައިގަތީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން މޭޔަރަކަށް ނުކުންނެވުމުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުންދާތީ ކަމަށެވެ.
އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނެވުމަކީ އޭނާގެ ސިޔާސީ މިނިވަންކަމާ މެދު އިތުރަށް ސުވާލު އުފައްދަން ޖާގަ ލިބޭނެ ކަމަކަށް ވާތީ އެ ފުރުސަތު ދޭން ބޭނުން ނުވާ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.