ޗުއްޓީ ހޭދަކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިޔެއްގެ ހަށިގަނޑުން ކޮރޯނާވައިރަސް (ކޮވިޑް-19)ގެ އަލާމާތްތައް ފެނިގެން ސަމާ އައިލެންޑް ރިސޯޓު ބަންދުކޮށްފައި ވާއިރު، އެރިސޯޓުގެ ޑޮކްޓަރާއި ތިން މުވައްޒަފަކު ވެސް ކަރަންޓީނު ކޮށްފައިވާ ކަމަށް އެރިސޯޓުން މިއަދު ބުނެފި އެވެ.
ސަމާ އައިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 30 އަހަރުގެ ދެ ޓޫރިސްޓަކު ހުން އައިސްގެން، ރިސޯޓުގައި ހުންނަ ޑޮކްޓަރަށް ދެއްކީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމީހުންގެ ކިބައިން ކޮވިޑްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ހިސާބުން އެކަން ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށެވެ. އަދި އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް އެ އެ ދެމީހުން ތިބީ އެ މީހުންގެ ކޮޓަރީގައި ކަރަންޓީނު ކޮށްފައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ސަމާ އައިލެންޑުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެރިސޯޓުގެ 33 އަހަރުގެ އިންޑިއާގެ ޑޮކްޓަރު ކެއްސައި ނޭވާ ކުރުވާތީ އިއްޔެ އެކަން އެންގި ކަމަށެވެ. އޭނާ ވެސް އެ ހިސާބުން ހުރީ އެނާގެ ކޮޓަރީގައި އެކަހެރި ކޮށްފައި ކަމަށެވެ. އަދި އޭގެ ފަހުން ރިސޯޓުގެ އެހެން ތިން މުވައްޒަފަކުވެސް އާދައިގެ ވަރަކަށް ކެއްސާތީ އެމީހުން ވެސް އެކަހެރި ކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ސަމާ އައިލެންޑުން ބުނީ، ދެ ޓޫރިސްޓުންގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ހިސާބުން ފެށިގެން، އެކަމާ ގުޅޭ ގޮތުން ރިސޯޓުން އެޅި ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ އެޗްޕީއޭގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ. އެޗްޕީއޭގެ ހުއްދަ ނެތި ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުން މީހުން ފުރުން މިހާރު ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
މިކަމާއި ގުޅުގެން އެޗްޕީއޭ އިން މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފްރާންސްގެ ދެ ޓޫރިސްޓުންގެ ގައިން، ކޮވިޑް-19 އަށް ޝައްކުރެވޭ އަލާމާތްތައް ފެނުމުން އެމީހުން މޮނިޓާ ކުރުމަށާއި ޓެސްޓް ކުރުމަށް ކަނޑައަޅާފައިވާ މަރުކަޒަށް ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސަމާ އައިލެންޑަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކުރީ އެއީ އެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލު ކަމަށް ވާތީ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ސަމާ އައިލެންޑުން ބުނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ހަމަޖެހިގެން ރާއްޖެއަށް ދެން އަންނަ މީހުން އެހެން ރިސޯޓް ތަކަށް ފޮނުވުމަށް ހަމަޖައްސާފައިވާ ކަމަށެވެ. ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީއަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާތީ، އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ.